މިނިވަން މުއައްސަސާތަކަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވާ ނަންތަކަށް ރުހުން ދިނުމާއި ނުދިނުން މީގެ ކުރިން އޮތީ ވަރަށް ހަރުދަނާ ގޮތަކަށެވެ. އޭރު އެއީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މެމްބަރުންގެ ވޯޓަށް އެކަނި ހުއްޓިފައި އޮތް ކަމެއް ނޫނެވެ. އެ ކޮމިޓީން ނަންތައް ދިރާސާ ކުރުމުގައި އޭރު އޮތީ މާކްސް ދިނުމުގެ ނިޒާމެކެވެ.
މުއައްސަސާތަކަށް އައްޔަަން ކުރަން ކޮމިޓީން ނަންތައް ދިރާސާކުރާއިރު ކުރިން މާކްސް ދެނީ ތައުލީމާއި ތަޖުރިބާ އަދި ކޮމިޓީން ކުރާ އިންޓަވިއުގައި ދައްކާ ވާހަކަތަކަށެވެ. އެކަމަކު 19 ވަނަ ރައްޔިތުންގެ މަޖިލީހުން ގަވައިދު އިސްލާހު ކުރި އިރު އެކަން ވަނީ އުވާލައިފަ އެވެ. މިހާރު ކޮމިޓީން ނަމެއް ފާސްވުމަށް ބޭނުންވަނީ ހަމަ އެކަނި ވޯޓެވެ.
އިންފޮމޭޝަން ކަމިޝަނަރަކަށް ބޭފުޅަކު އައްޔަންކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވި ނަންތަކުގެ ތެރެއިން އެއްވެސް ނަމެއް ކޮމިޓީން ފާސްނުވީ މި ބަދަލާ ހެދި އެވެ. އެ މަގާމަށް ވަރަށް އެކަށޭނަ ބޭފުޅުންގެ ނަންތައް ލިސްޓުގައި އޮތް ނަމަވެސް، ސިޔާސީ ގޮތުން ހޯއްދަވަން ޖެހިވަޑައިގަންނަވާ "ބެކިން"، ކުރިމަތިލެއްވި ބޭފުޅުންނަށް ނުލިބުނީ އެވެ.
ކޮމިޓީގެ ރުހުން އެއްވެސް ބޭފުޅަކަށް ނުލިބުނު
އިންފޮމޭޝަން ކޮމިޝަނަރަކަށް އައްޔަން ކުރައްވަން ރައީސް ފޮނުއްވީ ތިން ބޭފުޅެއްގެ ނަމެވެ. އެއީ ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަމްބަރު ރ.ސ 5143، އަހުމަދު އާހިދު ރަޝީދު، ހ. ގުރަވަ އަދި މަރިޔަމް އަލީމް، ގ. ދާސްތާނެވެ. އެ ތިން ބޭފުޅުންނާ އިންޓަވިއުކޮށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް މިހާރު ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.
ކޮމިޓީ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ތިން ބޭފުޅުންގެ ނަމަށް ކޮމިޓީން ވޯޓު ނެގީ އިންޓަވިއުކުރި ތަރުތީބުންނެވެ. އެގޮތުން ނެގި ވޯޓުގައި އެއްވެސް ބޭފުޅަކަށް ކޮމިޓީގެ ތިންބައިކުޅަ އެއްބައި ވޯޓް ލިބިވަޑައެއްނުގަތެވެ.
ކޮމިޓީން އެގޮތަށް ނިމުނު އިރު މި ތިން ބޭފުޅުންގެ ތެރެއިން އަހުމަދު އާހިދު ރަޝީދަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނު ޑްރާފްޓް ކުރުމުގައި ބައިވެރިވެވަޑައިގެންނެވި، އަދި މިހާރު ވެސް އެ ދާއިރާގެ މަސަައްކަތުގައި ދެމިހުންނެވި ތަޖުރިބާކާރު ބޭފުޅެކެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައެއް މެމްބަރުން ވެސް ގަބޫލުކުރައްވާ ގޮތުގައި އާހިދަކީ އިންފޮމޭޝަން ކަމިޝަނަރުގެ މަގާމަށް އެންމެ އެކަށީގެންވާ ފަރާތެވެ.
އެކަމަކު ކޮމިޓީގައި އޭނާގެ ނަން ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެމްބަރެކެވެ. ޝިހާމް ވަހީދަށް ވެސް ވޯޓު ލިބިވަޑައިގެންނެވީ ހަމަ އެ އަދަށެެވެ. މަރިޔަމް އަލީމަށް ފަސް ވޯޓެވެ.
މިދިޔަ އަންގާރަ ދުވަހު ކޮމިޓީން އެކަން ނިންމި އިރު ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ފާޅުކުރެއްވީ އެކަން ބޮޑުވުމެވެ. އޭނާ ވިދާޅުވީ ކޮމިިޓީ އަށް މީހަކު ގެނެސް އިންޓަވިއު ކޮށް، ތައުލީމާއި ތަޖުރިބާހުރި ވަރު ބެލިޔަސް، މާކްސް ދޭ އުސޫލެއް ނެތުމުން އެކަން ފެންނަން ނޯންނަ ކަމަށެވެ.
"އަޅުގަނޑުމެން އިންޓަވިއު މިކުރަނީ މިތަނުގައި މީހަކު ގެނެސްގެން އޭނާ އެތައް އިރަކު ބައިންދާފައި. ސުވާލުތަކެއް ކޮށްފައި އޭނާ ހިއްސާކުރާ މައުލޫމާތުގެ މައްޗަށް އަޅުގަނޑުމެނެއް މާކްސްއެއް ނުދޭ. އެއަކީ ފެންނަން އޮންނަ އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ނަވާރަ ވަނަ މަޖިލިސް އިންތިހާބުވެގެން ކޮމިޓީން ފުރަތަ މަސައްކަތް ކުރި އިރު އޮތީ އެހެނެއް ނޫނެވެ.
"[އޭރު] އެ މީހާގެ ތަޖުރިބާ އަށް ވަކިވަރެއް ދެވޭ. ތައުލީމަށް ވަކިވަރެއް ދެވޭ. އޭނާ އެ ދާއިރާއިން ތަމްރީނު ހޯދާފައި ހުރެއްޖެއްޔާ އެއަށް މާކްސް ދެވޭ. އޭނާ އެެ ދާއިރާ އަށް އަހުލުވެރި ވެފައިވާ ވަރަށް މާކްސް ދެވޭ،" ގަވައިދު ކުރިން އޮތް ގޮތުގެ ހަނދާން އާކުރައްވަމުން މޯޑް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭރު ގަވައިދު އޮތް ގޮތުން މީހެއްގެ ގާބިލުކަން ހުރިކަން ނުވަތަ ނޫންކަން ފަހުން ބަލާ މީހަކަށް ވެސް ފެންނަން އޮންނަ ވަރަށް ކޮމިޓީން މަސައްކަތްކުރެވެން އޮތް ކަަމަށެވެ.
ސިޔާސީ ނުފޫޒެއް ނެތްް ނަމަ ފުރުސަތެއް ނެތް
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އިންނަވާ ވިލިމާލެ ދާއިރާގެ އަމިއްލަ މެމްބަރު އަހުމަދު އުޝާމްވެސް ވިދާޅުވީ ކުރިން އޮތީ ރަނގަޅު އުސޫލެއް ކަމަށާއި އެކަމަކު ގަވައިދު މިހާރު އޮތް ގޮތުން ސިޔާސީ ނުފޫޒެއް ނެތް ބޭފުޅަކު މަގާމަކަށް ވަޑައިގެންނެވުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ކޮމިޓީގެ މެމްބަރުންގެ ތެރެއިން ބައްދަލުވުމުގައި ބައިވެރިވެވަޑައި ގަންްނަވާ މެމްބަރުންގެ ތިންބައިކުޅަ ދެބައި މެމްބަރުންގެ ރުހުން ލިބިގެން ނޫނީ ނަމެއް ފާހެއް ނުވެ އެވެ. އެގޮތަށް އޮވެފައި މެމްބަރުން ވޯޓު ދެއްވަނީ ސިޔާސީ ގޮތުން ކަމަށް ވުމުން، ކިތަންމެ ތަޖުރިބާކާރު ބޭފުޅަކުވެސް ކަޓުވައިލުމުގެ ފުރުސަތު އޮންނަކަން އޭނާ ކަންބޮޑުވުމާއި އެކު ފާހަގަކުރައްވަ އެވެ. އޭގެ އެއް މިސާލަކަށް އޭނާ ދެއްކެވީ ބްރޯޑްކާސްޓިން ކޮމިޝަނަށް އެންމެ ފަހުން އައްޔަންކުރި ޝިފްލާ އިބްރާހީމްގެ ނަން، އޭގެ ކުރިން ދެފަހަރު ފާސްނުވެ ދިޔަ ދިއުމެވެ.
ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ފަޒީން ބްރޯޑްކޮމް އަށް އައްޔަންކުރި އިރު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް އެކަމާ އަަރައިރުންވި އެވެ. އޭރު އެންމެ ބޮޑަށް އެކަމާ ކޯފާ އިސްކުރެއްވި، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އަކީ ކޮމިޓީގެ ގަވައިދު ބަދަލުކުރަން ހުށަހެޅުއްވި މެމްބަރެވެ. މާކްސް ދިނުމުގެ އުސޫލު، މަޖިލީހުގެ ގަވައިދުން އުނިކުރީ އޭނާ ހުށަހެޅުއްވި އިސްލާހަކުންނެވެ.
"ކޮމިޓީގައި 12 މެމްބަރުން ތިއްބަވާއިރު، އާއްމު ގޮތެއްގައި ބައްދަލުވުންތަކަށް ވަޑައިގަންނަވާނީ 10 މެމްބަރުން ނޫނީ ނުވަ މެމްބަރުން، ދެން އެ އަދަދަށް މެމްބަރުން ތިއްބަވައިގެން ވޯޓު ނަގާއިރު ނަމެއް ފާސްނުކޮށް އެބަ ދޫކޮށްްލެވޭ އެންމެ މެމްބަރަކު ވޯޓު ދެއްވާ ގޮތަކުން ވެސް،" އުޝާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ގަވައިދު އޮތް ގޮތުން ސިޔާސީ ގޮތުން ނުފޫޒު ގަދަ ބަޔަކާ ގުޅުން ނެތް ބޭފުޅަކަށް މަގާމަކަށް އައުމުގެ ފުރުސަތު އިންތިހާ އަށް ހަނި ކަމަށެވެ.
މޯޑްގެ ވެސް ކަންބޮޑުވުމަކީ މި އެވެ. އޭނާ ވިދާޅުވީ ކަމުދާ ކަމަށް މެމްބަރަކަށް ފެނިވަޑައިގެން ވޯޓް ނުދެއްވާ ދޫކޮށްލައްވާ ފަރާތަކީ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅަކަށް ވެސް ވެދާނެ ކަމަށެވެ. މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލުގެ ސަބަބުން ދިމާވާ އެ މައްސަލަ ތަކުރާރުވަމުން ދާއިރު އަދިވެސް އެކަމަށް ހައްލެއް ނާންނާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އޭނާގެ އަނެއް ކަންބޮޑުވުމަކީ ބޭނުންވާ އަދަދަށް ވޯޓު ނުލިބިއްޖެ ނަމަ ދެން އަމަލުކުރާނެ ގޮތެއް ގަވައިދުގައި ނެތުމެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށް ޓަކައި ގަވައިދު އިސްލާހުކުރަން އާއްމު ކޮމިޓީ އަށް ފޮނުވާފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެ މަސައްކަތް އަވަހަށް ނިންމުމަކީ މި މައްސަލައިގެ ހައްލެވެ.