މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ކުރީގެ ނައިބު ރައީސް އަހުމަދު ގައިސް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަކަށް މިއަދު އައްޔަންކޮށްފި އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސްކަމުން ގައިސް މިދިޔަ ޖެނުއަރީ 8 ގައި އިސްތިއުފާ ދެއްވީ އެ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ވަގުތު ދެއްވަން ކަމަށް ވިދާޅުވެ އެވެ.

ގދ. ތިނަދު އަށް އުފަން ގައިސް ވަނީ އެ ކެމްޕެއިންގައި އަމަލީ ގޮތުން އޭރު އުޅުއްވައިފަ އެވެ. އޭނާ އޭރު ވިދާޅުވީ، ތިން އަހަރެއްހާ ދުވަހު މަސައްކަތް ކުރެއްވި ބްރޯޑްކޮމުން އިސްތިއުފާ ދެއްވުމަށް ފަހު ބޭނުންވަނީ އަނެއްކާވެސް ސިޔާސީ މަސައްކަތްތަކުގައި އުޅުއްވަން ކަމަށެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އެންމެ ފަހުން ފުރުއްވީ އެ ކުންފުނީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ. ސެޕްޓެމްބަރު 4، 2022 ގައި އޭނާ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރުމާއެކު، އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ މިއަދާ ހަމައަށް ހުސްކޮށެވެ.