ފުލުހުންގެ ކަންކަން ރަނގަޅު ކުރުމަށް ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު ފަސީހު މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފަސީހު ޕޮލިސް ބޯޑަށް އައްޔަން ކުރެއްވީ އެ ބޯޑުގެ ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި އަލީ ފާއިޒުގެ ބަދަލުގައި ކަމަށެވެ.
ބޯޑުގެ އެއް ގޮނޑި ހުސްވީ ސްރީ ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް އަލީ ފާއިޒު ހަމަޖެއްސުމުންނެވެ.
އާ މެމްބަރު ފަސީހު އަކީ ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ފުލުހުންގެ ވަޒީފާ އިން ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕޮލިސް ބޯޑް އެކުލަވައިލެއްވީ އޭޕްރީލް 2021 އިގަ އެވެ.
ޕޮލިސް ބޯޑުގައި މިހާރު ތިއްބަވާ ބޭފުޅުން:
1- އަހުމަދު ފަޔާޒު ހަސަން، މ. ހަޒާރީވިލާ
2- އާއިޝަތު ނޫރާ މުހައްމަދު، ހ. ނޫމުތީ
3- އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން
4- އާދަމް އިބްރާހީމް، ގ. ޑިމްލައިޓް
5- ހާމިދު އަބްދުލްޣަފޫރު، ހ. ޝޭޑީކޯނަރު
6- ސަފާ ޝަރީފް، ދެތަނޑިމާގެ / ސ.ހުޅުދޫ
7- އަހުމަދު ފަސީހު
ފުލުހުންގެ ގާނޫނުގައި ބުނާ ގޮތުން ފުލުހުންގެ ބޯޑު އެކުލެވިގެން ވަނީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މެންބަރުންގެ އިތުރުން އާންމުންގެ ތެރެއިން ދެ މެންބަރެއްގެ މައްޗަށެވެ.
ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ފިޔަވައި ފުލުހުންގެ އިސް ރޭންކުތަކަށް އޮފިސަރުން ހަމަޖައްސާއިރު ޕޮލިސް ބޯޑުން އެ މީހަކު އެޕްރޫވް ކުރަން ޖެހެ އެވެ. އެކަމަކު އެއީ ފުލުހުންގެ ކޮންމެ ދުވަހެއްގެ ހަރަކާތްތައް މޮނީޓަކޮށް އެކަމަށް ބަސް ކިޔާ ބޯޑެއް ނޫނެވެ.
ޕޮލިސް ބޯޑަށް ޖަވާބުދާރީވާން ޖެހެނީ ހަމައެކަނި ކޮމިޝަނަރު އޮފް ޕޮލިސް އެވެ.
ޕޮލިސް ބޯޑާ ބެހޭ ގޮތުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވެފައި ވަނީ ފުލުހުންގެ ހިދުމަތުގެ އިސްލާހަށް މިހާތަނަށް އެޅުނު އެންމެ ހަރުދަނާ ފިޔަވަޅަކީ ބޯޑު އެކުލަވާލާ ގޮތަށް އޮތުން ކަމަށާއި އެގޮތަށް ހަމަޖެއްސުމަކީ ފުލުހުން އެގްޒެކެޓިވް މެނޭޖްމަންޓުގެ ބޭފުޅުން ބޭނުންވެފައި ތިބި، އަދި އެކަމަށް އެދެމުން އައި ބަދަލެއް ކަމަށެވެ.