ފަލި ޖަހައިގެން ރާއްޖެ ވަށައި ބުރެއް ޖެހުމުގެ ވަރުގަދަ ޗެލެންޖަށް ތައްޔާރުވުމަށްޓަކައި، މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް އައްޑޫގައި ހާއްސަ ތަމްރީންތަކެއް ފުރިހަމަކޮށްފި އެވެ.

އާތިފަށް ތަމްރީން ދިނީ އައްޑޫގައި ހުންނަ ރޯވިން އެސޯސިއޭޝަނުގެ ކޯޗު އިނގިރޭސި ވިލާތުގެ ކެރީ ލެވިސް އެވެ. އާތިފް މި ތަމްރީންތަކުގައި ބޭނުންކުރީ 2010 ވަނަ އަހަރު ފަލިޖަހައިގެން އީކުއޭޓާ ހުރަސްކުރި ގުއިން ބެޓަން ބޭނުންކުރި ރޯވިން ބޯޓެވެ.

"މި ޗެލެންޖަށް ތައްޔާރުވުމަށް ރޯވިން އެސޯސިއޭޝަނުގެ ސަޕޯޓް ވަރަށް ބޮޑަށް ލިބޭ. އެ އެސޯސިއޭޝަނުގެ ކޯޗާ އެކު އެއް ހަފުތާ އައްޑޫގައި ޓްރެއިނިން ފުރިހަމަކޮށްފިން އީދު ބަންދުގެ ތެރޭގައި،" އާތިފް ބުންޏެވެ.

އާތިފް ބުނީ ތަމްރީންތައް ހެދުމުން އެނގުނީ، އަދި އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަން ހުރިކަން ކަމަށެވެ. ފައިގައި ވަރު ހުރި ނަމަވެސް، މި ޗެލެންޖަށް އޭނާގެ އަޕާ ބޮޑީ، އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށް އާތިފް ބުންޏެވެ.

"އައްޑޫގައި ހެދި ތަމްރީންތަކުގައި އެއް ދުވަހު ހަތަރު ގަޑިއިރު ނުހުއްޓާ ތަމްރީން ސެޝަނެއް ފުރިހަމަކުރިން. އަސްލު މި ތަމްރީން ހެދީމާ އެނގުނީ އަދި ބައިވަރު މަސައްކަތް ކުރަން އެބަހުރިކަން. ދެން މިއޮތީ ހަތަރު މަސް ބާކީ. ވަރަށް ވަގުތު ކުޑަތަންވެއްޖެ. އެހެންވެ ދެން އޮތް ދުވަސްތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތަކަށް ހިފުން އޮތީ،" އާތިފް ބުންޏެވެ.

އާތިފް (ކ) ޓްރޭނަރާ އެކު.
އާތިފް (ކ) ޓްރޭނަރާ އެކު.

އާތިފް މާލޭގައި ތަމްރީން ހެދުމަށް، ރޯވިން އެސޯސިއޭޝަނުން ވަނީ އެ ބޯޓް މާލެ ފޮނުވުމަށް ނިންމައިފަ އެވެ. އެހާތަނަށް އޭނާ އަންނަނީ މާލޭގައި ޖިމްގައި އެކަމާ ގުޅޭ އެހެން ތަމްރީންތައް ހަދަމުންނެވެ.

"މާލޭގައި ހަފުތާ ބަންދުގައި ޓްރެއިނިންތައް ކުރިއަށްގެންދާނަން،" ރޯވިން އެސޯސިއޭޝަނަށް ގެންނަ އާ ކޯޗާ އެކު ތަމްރީން ހެދުމަށް އައްޑޫ އަށް އިތުރު ދަތުރެއް ކުރުމަށް ރާވާފައިވާ އާތިފް ބުންޏެވެ.

އާތިފް ފާހަގަކުރެވިގެންދިޔައީ މި އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު ނުހުއްޓި މާލެ ވަށައި 24 ގަޑިއިރު ދުވެގެންނެވެ. އެއަށް ފަހު އޭނާ ވަނީ މި މަހު އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ކުރިއަށް ގެންދާ ސެންޓޫރިއަން އަލްޓްރާ މެރެތަންގައި ދުވެފަ އެވެ. ތިރީސް ގަޑިއިރު ތެރޭގައި 100 މޭލު ނުވަތަ 160 ކިލޯމީޓަރު އޭނާ އެ ރޭހުގައި ފުރިހަމަކުރި އެވެ.

މާލޭން ފަށައިގެން މާލެއަށް ނިންމާ ފަލި ޖެހުމުގެ މި ދަތުރުގެ ބޭނުމަކީ، އޭނާ ބުނި ގޮތުގައި، ރާއްޖޭގައި ހުރި ތިމާވެށީގެ މައްސަލަތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. އެނގިފައިވާ ގޮތުން ރާއްޖެ ވަށައި އޭނާ ބުރުޖަހާނީ އެއްވެސް ރަށަކަށް މަޑުނުކޮށެވެ. ކާން ވެސް ބޭނުން ކުރާނީ މިފަދަ ދަތުރުތަކަށް އާއްމުކޮށް މީހުން ގެންދާ ޕެކްކޮށްފައި ހުންނަ ކާއެއްޗެއްސެވެ. އެ ހުރިހާ ސާމާނެއް ވެސް ރައްކާކޮށްފައި ހުންނާނީ އާތި ފަލިޖަހާ ބޯޓުގަ އެވެ.