އާއްމުކޮށް ކަސްރަތަށް މީހުން ދުވެ އުޅެނީ ފަސް ކިލޯމީޓަރުގެ ރާސްތާއަކަށެވެ. ނުވަތަ ގިނަވެގެން 10 ކިލޯމީޓަރެވެ. އެއީ މާލެ ވަށައި ދެ ބުރެވެ. މެރެތަން ރޭހެއް ނުވަތަ 42 ކިލޯމީޓަރު (މާލެ ވަށައި 8 ބުރު) ޖެހުމަކީ އާދާޔާހިލާފު މީހުންނަށް ކުރެވޭ ކަމެކެވެ. ސަތޭކަ މޭލު ނުވަތަ 160 ކިލޯމީޓަރުގެ ރޭހެއް ފުރިހަމަކޮށްފި ނަމަ އެ މީހެއްގެ ހިތްވަރު ސިފަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ޔަގީނުން ވެސް މިއީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ހޯދި އެންމެ ބޮޑު އެއް ކާމިޔާބީ އެވެ. އަދި މިއީ ދިވެއްސަކު، އެއްވެސް ކަމެއްގައި މިހާތަނަށް ދެއްކި އެންމެ ގަދަ އެއް ހިތްވަރެވެ.
މާލެ ވަށައި ނަމަ 32 ބުރު ޖަަހަން ޖެހޭ މި އުނދަގޫ ރޭސް ނިންމަން ދީފައިވާ 30 ގަޑިއިރު ހަމަވުމުގެ 14 މިނެޓު ކުރިން އާތިފް ރޭސް ނިންމިއިރު، އޭނާ ދުވި ރާސްތާގައި، އޮތީ އެހާމެ ދަތި އުނދަގޫ މަގުތަކެވެ. އުސް ސަރަހައްދުތަކާއި ފެންގަނޑުތަކާއި ބޯ ޖަންގަލީގެ ތެރޭގައި އޭނާ ރޭސް ފުރިހަމަކުރިއިރު ދުވާލު ގަޑީގައި ވަރަށް ހޫނުގަދަ އެވެ. ރޭގަނޑު އެހާމެ ފިންޏެވެ.
"ރޭސް ނިންމުނީތީ ޝުކުރުވެރިވަން. ނޯތު ޑައުން ވޭސް ރޭސް ފުރިހަމަކުރާ (މީހުންގެ) ރޭޓް އުޅެނީ އަބަދުވެސް 50 އިންސައްތަ ދަށުގައި. މި ފަހަރު އެއަށް ވުރެ ވެސް ދަށުގައި އުޅެނީ،" އާތިފް ބުންޏެވެ.
އާތިފަށް މި ރޭހުން ފުރުސަތު ލިބުނީ މި އަހަރުގެ ޖެނުއަރީ މަހު މާލެ ވަށައި 24 ގަޑިއިރު ދުވުމުންނެވެ. އޭނާ ބުނީ މި ތަޖުރިބާއާ އަޅާބަލާއިރު، މާލޭގައި ދުވިދުވުން އެއްޗަކަށް ނުވާނެ ކަމަށެވެ. އެހާވެސް އޭނާ މި ފަހަރު ކުރި ތަޖުރިބާ އުނދަގޫވެފައި ބުރަ އެވެ.
"މިއީ މިހާތަނަށް އަހަރެން ކުރި އެންމެ އުނދަގޫ ތަޖުރިބާ،" އާތިފް ބުންޏެވެ. "ގަސްތަކުގެ ތެރެއަށް ފަސް ފަހަރު ގެއްލުނު. އެއީ ގިނައިން ރޭގަނޑުގެ ވަގުތުގައި. އަހަންނަށް ދެ ގަޑިއިރު ގެއްލުނު، އަލުން މަގުހޯދަން ކުރި މަސައްކަތުގެ ތެރޭގައި. އެއީ ބިރުވެރި ވެސް ކަމެއް."
މޯލްޑިވްސް ޕޮލިސް ސާވިސަސްގައި ވަޒީފާއަދާކުރާ އާތިފް ބުނީ، އެއްވެސް ވަގުތަކު އުއްމީދު ނުގެއްލޭ ކަމަށާއި އެކަމަކު ހިތްވަރު ދެރަވި ވަގުތު ހިތްވަރު ލިބުނީ އަތުގައި އޮތް ފަހުރުވެރި ދިވެހި ދިދައިން ކަމަށެވެ.
"ރަސްމީ ގޮތުން ނޫން ކަމުގައިވީ ނަމަވެސް، އަހަރެން ދުވީ ދިވެހިރާއްޖެއަށްޓަކައި،" އާތިފް ބުންޏެވެ.
މީގެ އިތުރުން ރޭސް ކުރިއަށްދިޔަ އިރު އޭނާއާ ދިމާވި، ތަޖުރިބާކާރު އަލްޓްރާ ދުވުންތެރިންގެ ކިބައިން ވެސް އޭނާ ހިތްވަރު ހޯދި އެވެ. މާލޭގައި ދުވި އަލްޓްރާ ދުވުމާ ހިލާފަށް މި ފަހަރު އޭނާއާ އެކު ދުވީ، މިކަމުގައި އޭނާއާ އެއް ވިސްނުމެއްގައި ތިބި އަދި އެއްކަމަށް އަމާޒު ހިފާފައިވާ ދުވުންތެރިންނެވެ.
"އަހަންނަށް ފެނުނު، ހުއްޓާލަން ޖެހިދާނެ ފަދަ ވަގުތަކުގައި އެންމެން (ވަރުބަލިކަމާއި ތަދަށް) ބަރުދާސްތުކޮށް ގަދަ ހިތްވަރުލީތަން. މި ރޭހާ ކުރިމަތިލައި ނާކާމިޔާބުވީ ނަމަވެސް، އަލުން މިކަމާ ކުރިމަތީލީ މީހުންނާ ވާހަކަދައްކާ ލެވުނު. އެއީ ކުރިއަށްދާން އަހަންނަށް ހިތްވަރު ލިބުނު ކަމަކީ،" އާތިފް ބުންޏެވެ.
ގިނަ މީހުން ތިބީ، އާތިފްގެ ފުރަތަމަ 100 މޭލު ރޭހަށް، އިނގިރޭސި ވިލާތުގެ އެންމެ އުނދަގޫ އެއް އަލްޓްރާ ދުވުން ހިޔާރުކުރުމުން ހައިރާންވެފަ އެވެ. ސަތޭކަ މޭލުގެ ރޭހެއް ފުރިހަމަކޮށް، ރާއްޖޭގެ ފުރަތަމަ ސެންޗޫރިއަށްގެ ޝަރަފް އާތިފަށް ލިބިފައިވާއިރު، އޭނާ ދެން ހުރިހާ ސަމާލުކަމެއް ދޭނީ ރާއްޖެ ވަށައި ފަލި ޖަހައިގެން ކުރާ ދަތުރަށެވެ.
"މި އަހަރު ދެން އިތުރު ރޭހެއްގައި ނުދުވާނަން. ދެން އޮތީ ފަލި ޖެހުމަށް ފަރިތަކުރުން،" ފެބްރުއަރީ މަހު ކުރިމަތިލާ ޗެލެންޖާ ބެހޭގޮތުން ސ. ހިތަދޫ އަށް އުފަން އާތިފް ބުންޏެވެ.
ހަޔާތުގެ އެންމެ އުނދަގޫ ތަޖުރިބާއަށް ފަހު އާތިފަށް ވަނީ ފަލިޖެހުމުގެ ބުރަ ޗެލެންޖާ ކުރިމަތިލާން އިތުރު ހިތްވަރެއް ލިބިފަ އެވެ. މީގެ އިތުރުން މި ރޭހާ އެކު، ދިވެހި އެހެން ދުވުންތެރިންނަށް ވެސް ހިތްވަރު ލިބޭނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ.
"ދިވެހި ދުވުންތެރިން ވެސް މެރެތަން ރާސްތާ އަށް ވުރެ އިތުރަށް ދުވަން ނުވަތަ 100 މޭލު ދުވަން ހިތްވަރު ހޯދާނެ ކަމަށް އުއްމީދުކުރަން،"
އާތިފް އެކަނިމާއެކަނި ރޭސް ފުރިހަމަ ކުރި ނަމަވެސް އޭނާއާ އެކު ދަތުރުގައި ބައިވެރިވެ އެކިގޮތްގޮތުން އެހީވެދިން ޓީމަށް އޭނާ ހިތް ވަނީ ޝުކުރުން ފުރިފަ އެވެ. އޭގެ ތެރޭގައި އޭނާގެ ކޮއްކޮ ހުސެއިން ސުޖާއު އާއި ޑރ. އަބްދުލްމާލިކާއި ސަމާހު މައުސޫފުގެ ނަން އޭނާ ފާހަގަކުރި އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ރަސްމީކޮށް ދުވަން ފެށި އާތިފަށް އޭރުން ފެށިގެން ކޯޗުކޮށްދެމުން އަންނަ ނަސީރު އިސްމާއިލަކީ ވެސް އާތިފަށް ހާއްސަ މީހެކެވެ.
"ނަސީރުގެ ކޯޗިން އާއި ލަފާ އާއި ސަޕޯޓް އަހަރެން ފާހަގަކުރަން،" އެލައިޑް އިންޝުއަރެންސާއި ރެޑްބުލްގެ އެހީތެރިކަމާ އެކު ރޭހުގައި ބައިވެރިވި އާތިފް ބުންޏެވެ.
ދިރާގު ރޯޑްރޭހުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ދުވި ދުވުމަށް ފަހު، ދިގު ރާސްތާ ދުވުމަށް ބޮޑު ޝައުގުވެރިކަމެއް އުފެދުނު އާތިފް މި ވަނީ ހަޔެއްކަ މަސް ތެރޭ ދެ އަލްޓްރާ ދުވުން ފުރިހަމަކޮށްފަ އެވެ. މިއީ ދުނިޔޭގެ ފެންވަރުގެ ހާސިލްކުރުމެކެވެ. އާތިފަށް ސާބަސް ދޭން ޖެހެނީ އެހެންވެ އެވެ!