ރާއްޖޭގެ ފުރަތަމަ އަޔަންމެންގެ ޝަރަފް ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ހޯދިތާ މަހެއްހާ ދުވަހުގެ ތެރޭގައި، މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް މިއަދު އޮސްޓްރޭލިއާގައި އަޔަންމެން ޓްރައިތެލޯން ފުރިހަމަކޮށް ރާއްޖޭގެ ދެ ވަނަ އަޔަންމެން އަށް ވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ޕޯޓް މެކަރިންގައި މިއަދު ކުރިއަށް ދިޔަ އަޔަންމެން ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލިފައިން އިވެންޓުގައި އާތިފް ރޭސް ފުރިހަމަކުރީ 12 ގަޑި 30:12 މިނެޓުންނެވެ.
މި ޓައިމިންއާ އެކު އާތިފް އަށް ވަނީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށްވާ އަޔަންމެން އެންމެ އަވަހަށް ފުރިހަމަ ކުރި ދިވެހި އެތުލީޓުގެ ޝަރަފް ލިބިފަ އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ބޭގައި އޮތް އަޔަންމޭން އެފްރިކަން ޗެމްޕިއަންޝިޕުގައި ކުޑަހުސެން ފުރިހަމަކުރީ 15 ގަޑިއިރާއި 23:38 މިނެޓުންނެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ ކުޑަހުސެން ވަނީ އާތިފަށް މަރުހަބާ ކިޔައިފަ އެވެ.
އަޔަންމެންގައި ހިމެނެނީ 3.8 ކިލޯމީޓަރު ފެތުމާއި 180 ކިލޯމީޓަރު ބައިސިކަލް ދުއްވުން އަދި 42.2 ކިލޯމީޓަރު ދުވުމެވެ. އެއްވެސް ބްރޭކެއް ނުނަގައި މި ތިން އިވެންޓް ފުލުފުލުގައި ފުރިހަމަކުރަން ޖެހެނީ އެންމެ ލަސްވެގެން 17 ގަޑިއިރުގެ ތެރޭގަ އެވެ. އެކަމަކު ކޮންމެ އިވެންޓެއް ނިންމަން ވެސް ވަކި ވަގުތެއް ދީފައި އޮންނާތީ އެމެޗުއާ (ޕްރޮފެޝަނަލް ނޫން) އެތުލީޓުންނަށް މި ރޭސް ފުރިހަމަކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.
"އަޔަންމެން ނިންމާލެވިއްޖެ ރަނގަޅު ހާލަތެއްގައި ހުރެ. އުސް ސަރަހައްދުގައި ބައިސިކަލް ދުއްވިއިރު މެދަކާ ހިސާބުން އަހަރެން ދުވަސް ދިޔަ. އެކަމަކު މެރެތަން ރޭސް ދިޔައީ ބަރާބަރަށް،" އަދި މިއަށް ވުރެ ވެސް އުނދަގޫ ރޭހެއްގައި ދުވުމަށް ކެތްމަދުވެފައި ހުރި އާތިފް ބުނެފައިވެ އެވެ.
ރެޑްބުލް އާއި އެމްޓީސީސީގެ އެހީތެރިކަމާ އެކު، އަޔަންމެންގައި ވާދަކުރި އާތިފް ބުނީ އެތައް ހާސް މޭލެއް ދުރުގައި، ރާއްޖޭގައި ތިބި ގާތް މީހުންގެ އެހީ އާއި ހިތްވަރު ނުލިބި މި ރޫހުގައި ރޭސް ނިންމާނުލެވުނީސް ކަމަށެވެ.
ދުނިޔޭގެ މަތީ ފަންތީގެ ގިނަ އެތުލީޓުން ބައިވެރިވި މި ރޭހަށް ތައްޔާރުވާން އައްޑޫ އާއި މާލެ އަދި ހުޅުމާލޭގައި ފެބްރުއަރީ މަހުން ފެށިގެން އާތިފް އައީ ތަމްރީން ހަދަމުންނެވެ.
ޓްރައިލަތޯންގައި ހިމެނޭ ތިން އިވެންޓުގެ ތެރެއިން ދުވުމަކީ އާތިފްގެ ރަސްމީ އިވެންޓެވެ. އެކަމަކު ފެތުމާއި ބައިސިކަލް ދުއްވުމަށް އޭނާ ވަރަށް އަލެވެ.
ނުހުއްޓި މާލެ ވަށައި 24 ގަޑިއިރު ދުވެގެން އާތިފް މިދިޔަ އަހަރު ދެއްކި ހިތްވަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަދި ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވަނީ އަގުވަޒަންކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިދިޔަ އަހަރު އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ކުރިއަށް ގެންދިޔަ ސެންޓޫރިއަން އަލްޓްރާ މެރެތަންގައި ދުވެފަ އެވެ. ތިރީސް ގަޑިއިރު ތެރޭގައި 100 މޭލު ނުވަތަ 160 ކިލޯމީޓަރު އޭނާ އެ ރޭހުގައި ފުރިހަމަކުރި އެވެ.
އަޔަންމެން އަށް ފަހު އާތިފް ދެން ތައްޔާރުވާނީ ކުރިން ވެސް އޭނާ އިއުލާންކޮށްފައިވާ ރާއްޖެ ވަށައި ފަލި ޖަހައިގެން ދަތުރެއް ކުރުމަށެވެ. އެކަމުގެ ތަމްރީން ކުރިން ވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އަޔަންމެން އަށް ފަހު ރަސްމީކޮށް ތަމްރީންތައް އަލުން ފަށާނެ އެވެ.