އެންމެ އަވަހަށް އަޔަންމެން ޓްރައިތަލޯން ރޭހެއް ނިންމާ ދިވެއްސަށް ވުމުގެ ޝަރަފް ހޯދުމަށް މަޝްހޫރު ދުވުންތެރިޔާ އަހުމަދު އާތިފް، އޮސްޓްރޭލިއާގައި އަންނަ މަހު ބާއްވާ އަޔަންމެންގައި ބައިވެރިވާން އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
މި ޝަރަފް ހޯދުމަށް އާތިފް ޖެހޭނީ، ރާއްޖޭގެ ފުރަތަމަ އަޔަންމެން، ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ދާދި ފަހުން ދެކުނު އެފްރިކާގައި 15 ގަޑިއިރާއި 23:38 މިނެޓުން ފުރިހަމަ ކުރި އަޔަންމެން ޓްރައިތަލޯންގެ ރެކޯޑް މުގުރާލާށެވެ.
ދެކުނު އެފްރިކާގެ ނެލްސަން މަންޑޭލާ ބޭގައި އޮތް އަޔަންމޭން އެފްރިކަން ޗެމްޕިއަންޝިޕުގައި ކުޑަހުސެން ފެތުމާއި ދުވުން އަދި ބައިސިކަލް ދުއްވުމުގެ މި ބުރަ ރޭސް ފުރިހަމަކުރުމާ އެކު އޭނާ ވެފައިވަނީ އަޔަންމެން ޓްރައިތެލޯނެއް ފުރިހަމަކުރި ފުރަތަމަ ދިވެއްސަށް ވެފަ އެވެ.
ރާއްޖޭގެ މެރެތަން ރެކޯޑް ކުރިން އޮންނަ ކުޑަހުސެން، މި އުނދަގޫ ރޭސް ދާދި ފަހުން ފުރިހަމަކުރީ، އޭނާ ގައުމީ ފެންވަރުގެ ދުވުމުން ރިޓަޔާކުރިތާ އެތައް އަހަރެއް ފަހުން، އަޔަންމެން އަށް ހާއްސަ ތަމްރީންތަކެއް ހަދައިގެންނެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އަދި އުނދަގޫ އެއް ކުޅިވަރު ރޭސް ކަމަށް ގިނަ ބަޔަކު އެއްބަސްވާ އަޔަންމޭން ޓްރައިތެލޯންގައި ހިމެނެނީ 3.8 ކިލޯމީޓަރުގެ ފެތުމުގެ އިވެންޓަކާއި 180 ކިލޯމީޓަރުގެ ބައިސިކަލް ރޭހެއްގެ އިތުރުން 42 ކިލޯމީޓަރުގެ ދުވުމުގެ ރޭހެކެވެ.
އޮސްޓްރޭލިއާގެ ޕޯޓް މެކަރިންގައި އަންނަ މަހުގެ 7 ވަނަ ދުވަހު އޮންނަ އަޔަންމެން ޓްރައިތެލޯނަކީ އަޔަންމެން ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލިފައިން އިވެންޓެކެވެ. އެހެންވެ މި އިވެންޓުގައި ދުނިޔޭގެ މަތީ ފަންތީގެ ގިނަ އެތުލީޓުން ބައިވެރިވާނެ އެވެ. މި ރޭހަށް ތައްޔާރުވާން އައްޑޫ އާއި މާލެ އަދި ހުޅުމާލޭގައި ފެބްރުއަރީ މަހުން ފެށިގެން ބުރަކޮށް ތަމްރީން ހަދަމުން އަންނަ އާތިފް އަންނަ މަހުގެ 1 ވަނަ ދުވަހު އޮސްޓްރޭލިއާ އަށް ފުރާނެ އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހު މާލެ ވަށައި 24 ގަޑިއިރު ދުވެ ގަދަހިތްވަރު ސާބިތުކޮށްދިން އާތިފް މި ވަރުގަދަ ރޭހުގައި ބައިވެރިވަނީ ކޮމްފޯޓް ޒޯނުން ނުކުމެ އަނެއްކާ ވެސް އުނދަގޫ ތަޖުރިބާއެއްކުރުމުގެ ބޭނުމުގަ އެވެ.
"ބޭނުންވަނީ ޒުވާނުންނަށް ހިތްވަރުދޭން، ކޮމްފޯޓް ޒޯނުން ނުކުމެ އުނދަގޫ އަދި ތަފާތުކަމެއް ތަޖުރިބާކުރުމަށް،" އޭނާ ބުންޏެވެ.
ޓްރައިލަތޯންގައި ހިމެނޭ ތިން އިވެންޓުގެ ތެރެއިން ދުވުމަކީ އާތިފްގެ ރަސްމީ އިވެންޓެވެ. އެކަމަކު ފެތުމާއި ބައިސިކަލް ދުއްވުމަށް އޭނާ ވަރަށް އަލެވެ. ހާއްސަކޮށް ފެތުމަކީ އޭނާ އަށް އުނދަގޫ ކަމެކެވެ. އެކަމަކު އާތިފް ބޭނުންވަނީ، ތިން އިވެންޓް ވެސް ފުރިހަމަކޮށް ތާރީހުން ޖާގަ ހޯދާށެވެ.
ނުހުއްޓި މާލެ ވަށައި 24 ގަޑިއިރު ދުވެގެން އާތިފް މިދިޔަ އަހަރު ދެއްކި ހިތްވަރު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އަދި ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވަނީ އަގުވަޒަންކޮށްފަ އެވެ. އޭގެ ފަހުން އޭނާ ވަނީ މިދިޔަ އަހަރު އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ކުރިއަށް ގެންދިޔަ ސެންޓޫރިއަން އަލްޓްރާ މެރެތަންގައި ދުވެފަ އެވެ. ތިރީސް ގަޑިއިރު ތެރޭގައި 100 މޭލު ނުވަތަ 160 ކިލޯމީޓަރު އޭނާ އެ ރޭހުގައި ފުރިހަމަކުރި އެވެ.
އަޔަންމެން އަށް ފަހު އާތިފް ދެން ތައްޔާރުވާނީ ކުރިން ވެސް އޭނާ އިއުލާންކޮށްފައިވާ ރާއްޖެ ވަށައި ފަލި ޖަހައިގެން ދަތުރެއް ކުރުމަށެވެ. އެކަމުގެ ތަމްރީން ކުރިން ވެސް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު އަޔަންމެން އަށް ފަހު ރަސްމީކޮށް ތަމްރީންތައް އަލުން ފަށާނެ އެވެ.