އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސް އަހުމަދު އަކްރަމް ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމީ ސުލޫކީ މައްސަލައެއްގެ ސަބަބުން ކަމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އަމްރަމް ވަކިކުރަން ކޮމިޓީން ނިންމީ، އޭނާއާ ދެކޮޅަށް އީސީގެ މުވައްޒަފުންތަކެއް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލަތަކެއް ބެލުމަށްފަހު ކަމަށް ކޮމެޓީގެ މެމްބަރަކު މީގެ ކުރިން ވިދާޅުވެފައި ވެއެވެ. ނަމަވެސް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޭނާ ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އެކަމާ ގުޅިގެން ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަކްރަމް ވަކިކުރަން ނިންމީ މުވައްޒަފުންނާ ވާހަކަދެއްކެވުމުގައި ކޮމިޝަންގެ މެމްބަރުން ހިފަހައްޓަވަން ޖެހިވަޑައިގަންނަވާ އަހުލާގީ މިންގަނޑު ހިފަހައްޓަވާފައި ނުވާކަމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންނަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. ޖިންސީ ތުހުމަތުތަކެއްގެ ވާހަކަ ރޮޒެއިނާ ވިދާޅެއް ނުވެ އެވެ.
ޖިންސީ ތުހުމަތުތައް އަކްރަމް ދޮގު ކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ބަޔަކު މައްސަލަ ހުށަހެޅީ ސިޔާސީ މަގްސަދެއްގައި އޭނާ އެ މަގާމުން ވަކިކުރަން ކަމަށެވެ.
"..އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" މަގާމުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި އޭނާ ވިދާޅުވި އެވެ.
އަކްރަމް ދިފާއުކުރައްވައި އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައި ވަނީ "އަކްރަމަކީ ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްފާނެ މީހެއް ނޫން" ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވުމަކީ ގާބިލު ހިންގުންތެެރިއަކު ގެއްލިގެން ދިއުން ކަމަށް ވެސް ވިދާޅުވި އެވެ.