އިންފޮމޭޝަން ކޮމިޝަރުގެ ގާނޫނީ ޒިންމާ އަދާކުރަން ރައީސް އޮފީހުން ހުރަސް އަަޅަމުންދާ ކަމަށް ކަނޑައަޅައި، އެ އޮފީސް 2،000ރ. އިން ޖޫރިމަނާ ކުރަން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ޖަވާބު ދީފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު ބޭއްވި އާންމު އަޑުއެހުމުގައި ރައީސް އޮފީސް ޖޫރިމަނާ ކުރަން ނިންމީ ކޮމިޝަނަރުގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސްއަޅަމުންދާ ކަމަށް ބުނެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ޖަވާބު ނުދީ އަދި އޭގެ ފަހުން ކޮމިޝަނުން އެންގި މުއްދަތުގައި ވެސް ޖަވާބު ފޯރުކޮށްދީފައި ނުވުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅުން ކަމަށެވެ.
އެ ފަސް މައްސަލާގައި ކޮމިޝަނުން ކަނޑައެޅި މުއްދަތުގައި ޖަވާބު ނުދީ، އެކަމަށް 45 ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފި ނަމަ ރައީސް އޮފީހުގެ އިންފޮމޭޝަން އޮފިސަރުގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމުގެ އިންޒާރު ވެސް ކޮމިޝަނަރު މިއަދު ދެއްވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރު އާންމުކޮށް އަންގަވަނީ އަޑުއެހުން ބާއްވާތާ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ފޯރުކޮށްދޭށެވެ. ކޮމިޝަނަރުގެ އެ ނިންމުން އިސްތިއުނާފު ކުރަން 45 ދުވަހުގެ މުއްދަތެއް އިދާރާތަކަށް ލިބެ އެވެ.
މީގެ ކުރިން ވެސް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން އެކި އިދާރާތައް ޖޫރިމަނާ ކޮށްފައިވެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީސް މި ފަހަރު ޖޫރިމަނާކުރިއިރު، އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު ހުރިހާ ތަނަކުން ތާރީހުގައި ފުރަތަމަ ފަހަރަށް މިދިޔަ މަހު ވަނީ ހާމަކޮށްފަ އެވެ.
މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ސަރުކާރުގެ ހުރިހާ މިނިސްޓްރީއަކުންނާއި ރައީސް އޮފީހުން އެ މައުލޫމާތުތައް އާންމުކުރި ފުރަތަމަ ފަހަރު ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެފައި ވެ އެވެ.
ތަފާސްހިސާބާ އެކު، އިންފޮމޭޝަން ކޮމިޝަނަރު އާހިދު މިދިޔަ މަހު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލަ އަށް އިސްނަގައިގެން އާންމުކުރަން ޖެހޭ މައުލޫމާތު ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން މިހާރު ހާސިލުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން އެ އެވްރެޖު ހުރީ 34 ޕަސެންޓުގައި ކަމަށް އޭނާ ވިދާޅުވި އެވެ.