މާލޭގައި އަވަށު އޮފީސްތައް އަލުން ހަދައި، އެތަންތަނުން މައްސަލަތައް ބެލޭނެ ގޮތް ހަމަޖައްސަމުން އަންނަ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާހު ޝަރީފް ވިދާޅުވީ މާލޭގެ ކޮންމެ އަވަށެއްގައި އެ ކައުންސިލްގެ ދަށުން އަވަށު އޮފީހެއް ގާއިމުކޮށް، އެ އަވަށަކަށް ކުރިމަތިވާ މައްސަލަތަކާ މެދު އެތަންތަނުން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ.

ސިޓީ ކައުންސިލް އުފެދުމުގެ ކުރިން، މާލޭގެ މުނިސިޕަލް ހުރިހާ މަސައްކަތެއް ބެލެހެއްޓީ އަވަށު އޮފީސްތަކުންނެވެ. އެގޮތުން ހެންވޭރާއި ގަލޮޅާއި މައްޗަންގޮޅި އާއި މާފަންނު އަދި ވިލިމާލޭގައި ވެސް ކުރިން އަވަށު އޮފީސް ގާއިމުކޮށް، އެތަންތަނުގައި ކޮމެޓީތަކުން މަސައްކަތް ކުރެ އެވެ. އެކަމަކު 2011 ވަނަ އަހަރު ކައުންސިލް އުފެދުމާއެކު އެތަންތަން އުވާލައި، މުވައްޒަފުން ވަނީ ކައުންސިލްގެ ދަށަށް ގެނެސްފަ އެވެ.

ޝަމާހު ވިދާޅުވީ މާލޭގައި އާއްމުންނަށް އުނދަގޫވާ ގޮތަށް ހުންނަ ކަންކަން އިސްލާހުކޮށް، އެ އަވަށެއްގެ އާއްމުންނާ ގުޅޭ މައްސަލަތައް އަވަށު އޮފީސްތަކުން ވަރަށް ރަނގަޅަށް ބެލެހެއްޓި ކަމަށެވެ.

"ހުރިހާ އެންމެން އަބަދު ވެސް ފާހަގަ ކުރޭ ކުރީގައި މުނިސިޕަލްޓީގައި ސުޕަވައިޒަރުން އުޅުނު އިރު ވަރަށް ރަނގަޅަށޭ ކަންކަން ހިނގަމުން ދިޔައީ. ވަގުތުން ފިޔަވަޅު އަޅައޭ. އަޅުގަނޑުމެން އަނެއްކާ ވެސް އެ ދިމާލަށް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ޝަމާހު ވިދާޅުވި ގޮތުގައި އަވަށު އޮފީސްތަކަށް ސުޕަވައިޒަރުން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

ސިޓީ ކައުންސިލުން ބުނީ އާއްމުންނަށް އުނދަގޫވާ ގޮތަށް ހުންނަ މައްސަލަތައް ހައްލުކުރުމަށް ސިޓީ ކައުންސިލްގައި މަސައްކަތް ކުރަނީ އެންމެ އަށް މުވައްޒަފުން ކަމަށާއި އެހެންވެ، މައި އެއް މަރުކަޒުގެ ބަދަލުގައި، ރަށުތެރެއަށް ބަހާލައިގެން އެ މަސައްކަތް ކުރަން ފަސޭހަވާނެ ކަމަށެވެ. އަދި އެއީ މައްސަލަތަކަށް ލިބޭނެ ހައްލެއް ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.