އިންޓަނޭޝަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) ގެ ލޯނު އެހީގައި ހިންގި ބައެއް މަޝްރޫއުތަކަށް ފިޝަރީޒް މިނިސްޓްރީން ފައިސާ ދެއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމީ ލޯނު ނުލިބެނީސް ބައެއް މަޝްރޫއުތައް ހިންގުމަށް ފަހު، ސަރުކާރު ބަޖެޓުން ފައިސާ ދައްކާފައި ވާތީ އެއީ މައްސަލައެއްގެ ގޮތުގައި އޮޑިޓް އޮފީހުން ފާހަގަކުރުމުން ބެލިބެލުންތަކަށް ފަހު އެވެ.

އިފާޑް ލޯނު އެހީގައި ހިންގާ މަޝްރޫއުތަކަށް ދައުލަތުން ފައިސާ ދައްކަން އޮންނަނީ މަޝްރޫއުގެ ޖުމްލަ އަގުގެ ވަކި ޕަސެންޓެއް ނަމަވެސް ބައެއް މަޝްރޫއުތަކުގެ މުޅި އަގު އެ މިނިސްޓްރީން ދެއްކި ކަމަށް ފިޝަރީޒް މިނިސްޓްރީގެ 2010 ގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އެގޮތުން ތިން މަސް މާރުކޭޓެއް ހަދަން ޚަރަދުވި ޖުމްލަ އަގު ކަމަށްވާ 2.8 މިލިއަން ރުފިޔާ ފިޝަރީޒް މިނިސްޓްރީގެ ބަޖެޓުން ދެއްކި އެވެ.

އެ މައްސަލަ ބެލުމަށް ފަހު އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ މަޝްރޫއުތަކުގެ ޖުމްލަ އަގު ސަރުކާރުން ދެއްކީ އިފާޑް ލޯނުގެ ތެރެއިން އެ ފައިސާ ފަހުން ދައުލަތަށް ހޯދާ ގޮތަށް ކަމަށެވެ. އަދި އެ ފައިސާ 2014 ގައި ދައުލަތަށް ހޯދައިދީފައިވާ ކަން އެނގޭތީ އޭގައި ކޮރަޕްޝަންގެ އަމަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް އޭސީސީން ވަނީ ނިންމައިފަ އެވެ.