ސައިންސްވެރިން ދިރާސާތަކަށް ފަހު ގަބޫލުކުރާ ގޮތުގައި އިންސާނަކަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރެވެނީ 125 އަހަރު އެވެ.

ސައިންސްވެރިން އެއްކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި 19 ވަނަ ގަރުނުން ފެށިގެން ދުނިޔޭގައި އެވްރެޖްކޮށް މީހުން މަރުވާ އުމުރު މަތިވެފައިވެ އެވެ. މީގެ ސަބަބެއް ކަމަށް ސައިންސްވެރިން ބުނަނީ ބޭސްވެރިކަން ކުރިއަށް ދިއުމާއި، ކެއުމުގެ އާދަތައް އަދި ބޭހާއި މާހައުލުގެ ސަބަބުންނެވެ.

މިހާރު ބަލާ މިންގަނޑުން އިންސާނެއްގެ އެވްރެޖް އުމުރު އުޅެނީ 80ގެ އަހަރުތަކުގަ އެވެ. މާނައަކީ މިއަދު ވިހާ ތުއްތު ކުއްޖާ އަށް ދުނިޔޭގައި 80 އަހަރު ވަންދެން ހުރެވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ދެކެ އެވެ. ނަމަވެސް 1900 ވަނަ އަހަރު، މީހުން މަރުވާ އެވްރެޖް އުމުރު ހުރީ 50 ގަ އެވެ.

އެންމެ ގިނަ ދުވަސް ވަންދެން ތިބޭ މީހުންގެ އުމުރު ވެސް 1970ގެ އަހަރު ތަކުން ފެށިގެން މަތިވެފައިވެ އެވެ. ނަމަވެސް ސައިންސްވެރިން ބުނާ ގޮތުގައި މިގޮތަށް މަތިވާ މަތިވުން ވަކި ހިސާބަކުން ހުއްޓޭނެ އެވެ. އެއީ 125 އަހަރު ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ. އަދި އެ އުމުރު ފަހަނައަޅައި އެއްވެސް އިންސާނަކަށް ދެވިދާނެކަމަކަށް ސައިންސްވެރިންގެ ހޯދުން ތަކަކުން ނުދައްކަ އެވެ.

ނިއު ޔޯކްގެ އަލްބަޓް އެއިންސްޓެއިން ކޮލެޖް އޮފް މެޑިސިންގެ ސައިންޓިސްޓުން ބުނަނީ މިހާރު ދުނިޔޭގައި ތިބި އެންމެ ދުވަސްވީ މީހުންގެ އުމުރު ފަހަނައަޅައި މުސްތަގުބަލުގައި އެއްވެސް މީހަކަށް ދެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.

ސައިންސްވެރިން މިހެން ބުނަނީ އިންޓަނޭޝަނަލް ޑޭޓާބޭސް އޮން ލޯންގެވިޓީ އިން އެއްކޮށްފައިވާ މައުލޫމާތުތަކަށް ބިނާކޮށެވެ.

ދަ ޓެލެގްރާފްގައިވާ މި ދިރާސާ ރިޕޯޓު ބުނާ ގޮތުން ދިރާސާގައި ސައިންސްވެރިން ބެލީ 1968 ވަނަ އަހަރާއި 2006 ވަނަ އަހަރާ ދެމެދު އެމެރިކާ، ފްރާންސް، ޖަޕާން އަދި އިނގިރޭސި ވިލާތުގައި ދިރިއުޅުނު އުމުރުން 110 އަހަރު ނުވަތަ އެއަށް ވުރެ ދުވަސްވީ މީހުންނަށެވެ.

ޖީން ކަލްމެންޓް: 122 އަހަރުގައި 1997 ގައި ވަނީ މި ދުނިޔެ ދޫކޮށްފައި
ޖީން ކަލްމެންޓް: 122 އަހަރުގައި 1997 ގައި ވަނީ މި ދުނިޔެ ދޫކޮށްފައި

ދުނިޔޭގައި ގަރުނަކަށް ވުރެ ގިނަ ދުވަހު އުޅެފައިވާ މީހުންގެ އުމުރު 1970ގެ އަހަރު ތަކުން ފެށިގެން 1990ގެ އަހަރުތަކާ ހަމައަށް ނިސްބަތުން މަތިވަމުން ދިޔަ ނަމަވެސް 1995 ވަނަ އަހަރުން ފެށިގެން ވަނީ މަޑުޖެހިފަ އެވެ. މިކަމުން ދޭހަވަނީ މިއަށް ވުރެ ދެން އެއްވެސް މީހެއްގެ އުމުރު މަތި ނުވުން ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.

ސައިންސްވެރިން ގަބޫލުކުރަނީ 1997 ވަނަ އަހަރު އުމުރުން 122 އަހަރުގައި މަރުވި ފްރާންސް އަންހެނެއް ކަމަށްވާ ޖީން ކަލްމެންޓް އަކީ މިހާތަނަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރި މީހާގެ ރެކޯޑް އޮތް މީހާ ކަމަށެވެ. އެހެންކަމުން އެ އުމުރު ފަހަނަޅާ އެއްވެސް އިންސާނަކަށް ދެވިދާނެކަމާ މެދު އެމީހުން ޝައްކު ކުރެ އެވެ.

މިކަމާ ދެކޮޅަށް ވާހަކަ ދައްކާ ބައެއް ސައިންސްވެރިން ބުނަނީ އިންސާނަކަށް 125 އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ނުހުރެވޭނެ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އެއަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުރެވުމަކީ މައްސަލައެއް ވެސް ނޫނެވެ. ނަމަވެސް ސައިންސްވެރިން 1900 ވަނަ އަހަރުން ފެށިގެން އެއްކޮށްފައިވާ، މަރުވާ މީހުންގެ މައުލޫމާތަށް ބަލައި މިހެން ބުނަން މަޖުބޫރުވަނީ ކަމަށް ވެސް ބައެއް ސައިންސްވެރިން ބުނެ އެވެ.

މިޒަމާނުގެ ސިއްހީ ފަރުވާތަކުގެ ކުރިއެރުންތަކާ އެކު އެވްރެޖްކޮށް އިންސާނަކު ދުނިޔޭގައި ހުންނަ އުމުރު މަތިވެފައި ވިޔަސް އުމުރު ދިގުވުން އިތުރުވެފައެއް ނުވެ އެވެ. ގޮ

ސައިންސްވެރިން މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް 40 ގައުމަކުން މަރުވެފައިވާ މީހުންގެ މައުލޫމާތު އެއްކޮށްފައިވެ އެވެ.

ސައިންސްވެރިން އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު 2016 ވަނަ އަހަރު އެވްރެޖްކޮށް ފިރިހެނެއްގެ އުމުރު އުޅެނީ 79 އަހަރުގަ އެވެ. އަންހެނެއްގެ އުމުރަކީ 82 އަހަރެވެ. ނަމަވެސް 1966 ގައި ފިރިހެނެއްގެ އެވްރެޖް އުމުރަކީ 69 އެވެ. އަންހެނެއްގެ އެވްރެޖް އުމުރަކީ 74 އެވެ. އަދި 1916 ވަނަ އަހަރު ފިރިހެނެއްގެ އެވްރެޖް އުމުރަކީ 53 އެވެ. އަދި އަންހެނެއްގެ އެވްރެޖް އުމުރަކީ 56 އެވެ.

މޭ 2016 ގައި ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އިން ޔަގީންކޮށްދީފައިވާ ގޮތުގައި މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހަކީ އިޓަލީގެ އެމާ މާޓިނާ ލުއިގިއާ މޮރާނޯ އެވެ. އޭނާގެ މިހާރުގެ އުމުރަކީ 116 އަހަރެވެ. އިންޑޮނީޝިއާގެ މީހަކު 145 އަހަރު ވެފައިވާ ކަމަށް ދައުވާ ކުރިޔަސް އޭނާގެ އުމުރު ކަށަވަރު ކުރެވޭނެ އެއްވެސް ލިޔުމެއް ނެތުމުގެ ސަބަބުން އޭނާގެ ނަން މި ލިސްޓަކު ނުހިމަނަ އެވެ. އިނގިރޭސި ވިލާތުގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހަކީ 112 އަހަރުގެ ބެސީ ކެމް އެވެ.

ސައިންސްވެރިން މިގޮތަށް ބުނެފައިވަނީ 19 ވަނަ ގަރުނުގައި އެއްކުރި މައުލޫމާތުތަކަކަށް ބިނާކޮށެވެ. އޭގެ ކުރީ ޒަމާންތަކުގައި މިއަށް ވުރެ މާ އުމުރު ދިގު މީހުން އުޅުމަކީ އެކަށީގެންވާ ކަމެކެވެ.