ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދިނުމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް ދެކޮޅު ހައްދަވައި، އެ މެމްބަރުންނަކީ ރައީސް އަބްދުﷲ ޔާމީނާ އެކު "ޖަރީމާ ހިންގެވި" މެމްބަރުން ކަމަށް ދޭހަވާ ގޮތަށް ފާޑުވިދާޅުވި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް "ތަބަކަކަށްލާފައި" އެ މެމްބަރުންނަށް ދިނުން އިންސާފުވެރި ނޫން ކަމަށް ނިޔާޒް ވިދާޅުވުމުން، އެ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވަނީ ނިޔާޒަށް ރައްދު ދެއްވައި، ބޮޑު ތުހުމަތެއް ކުރައްވައިފަ އެވެ.
ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި، ގޯސްތަކެއް ހެދުނު ނަމަވެސް، ފަހުން ރައީސް ޔާމީނާ ފެއަށް ޖެހިވަޑައިގެން އެކަންކަން ރަނގަޅު ކުރުމުގެ ހިތްވަރު ދެއްކީ އެ މެމްބަރުންނެވެ. ރައީސް ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގެން، އެތައް ގޮންޖެހުންތަކަކާއި ބޭއިންސަފާ ކުރިމަތިލިއިރު ނިޔާޒް ހުންނެވީ ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން އިދިކޮޅު ލީޑަރުން އެއްބަސްވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވުމުން ނިޔާޒް ވިދާޅުވީ ގައުމުގެ ހާލަތު މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓުމުގައި 12 މެމްބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އެއާއެކު އެ މެމްބަރުންނާ މެދު ވެސް ކަންތައްތައް ވެގެން ދިޔަ ގޮތް އިންސާފުވެރި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް 12 މެމްބަރުންގެ ވާޖިބު ފުރިހަމަ އަށް އަދާކުރެއްވި ނަމަ ރައީސް އަބްދުﷲ ޔާމީނަށް އަނިޔާވެރި ވެރިކަމެއް ނުކުރެއްވޭނެ އެވެ.
"ވީމާ، 12 މެމްބަރުންނާ މެދު ކަންތައް ވީ ގޮތް، އެ މީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުފުދޭތޯ؟ އަދި ރައްޔިތުންގެ ވިސްނުން ހުރި ގޮތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތަބަބަކަށްލާފައި ވެދުން ކުރަން ޖެހޭނެތޯ؟" މަޖިލީހަށް ހާޒިރު ނުވެވުނު ދުވަސްތަކަށް ވެސް މުސާރަ އާއި އިނާޔަތް އެ މެމްބަރުންނަށް ލިބޭނެ ކަމަށް ވިދާޅުވެ، ނިޔާޒް ސުވާލު ކުރެއްވި އެވެ.
އޭނާގެ މި ވާހަކަ އަށް މުސްތަފާ ރައްދު ދެއްވީ ބޮޑު ތުހުމަތަކާ ވެސް އެކުގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފިނޭންސް މިނިސްޓްރީގެ ލޯނަކުން ނިޔާޒް ދެ ފްލެޓް ބައްލަވައިގަންނަވަން އުޅުއްވުމުން، ރައީސް ޔާމީން އެކަމަށް އިންކާރު ކުރެއްވި އެވެ.
މި ތުހުމަތު ދޮގުކުރައްވައި، ނިޔާޒް ވަނީ ހުވާ ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ އޮޑިޓަ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު ފްލެޓެއް ބައްލަވައިގަތުމަށް މަސައްކަތް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އަދި ދައުލަތުން ލޯނެއް ނަންގަވަން ވެސް މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
"މުސްތަފާ ގޮތަށް ހިހޫތަނުން ކައިގެންނެއް ނޫޅެން،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އަށް ކުރިމަތިވި އެންމެ ބޮޑު މައްސަލަ އަކީ ޚިޔާނާތްތެރިން މަޖިލީހުގައި ގިނަވުމެވެ. އެހެންވެ، "މަޖިލިސް ސާފުކުރަން ޖެހޭ ކަމަށް"، ދެން އޮތް ދައުރުގައި ގޮނޑިއަކަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ނިޔާޒް ވިދާޅުވި އެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވާހަކަ ފެއްޓެވީ، ނިޔާޒް އޮޑިޓަ ޖެނެރަލްގެ މަގާމުން ވަކި ކުރި ހިސާބުންނެވެ. އޭނާ އެއްސެވީ، މިނިވަން ބޭފުޅެއް ނަމަ، ކޮރަޕްޝަން ހިނގާކަން އެނގިވަޑައިގަންނަވާ އިރު، އެކަން ހުއްޓުވަން ރައީސް ޔާމީންގެ ހުއްދަ ހޯއްދަވަން ޖެހިވަޑައިގަންނަވާނެތޯ އެވެ.
"ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް 12 މެމްބަރުން ޖިހާދުވި އިރު މަނިކުފާނު އޮންނެވީ ލަންކާގަ ފިލާ ނޫންތޯ؟" ލަތީފް ސުވާލު ކުރެއްވި އެވެ.
ގާނޫނަށް ގެނައި އިސްލާހަކުން މަގާމުން ވަކިކުރުމާ ގުޅިގެން ސްރީ ލަންކާގައި ދިރިއުޅުއްވި ނިޔާޒް ކުއްލިއަކަށް މާލެ ވަޑައިގަތީ، މެމްބަރުން ހިމެނޭ ގޮތަށް ކުރި މަސައްކަތުން ވެރިކަން ބަދަލުވުމުން ނޫންތޯ ވެސް ލަތީފް ސުވާލު ކުރެއްވި އެވެ.
"..ކުއްލިއަކަށް މާލެ އަރައި ތިނަދޫ ގޮނޑިއެއްގެ ދަހިވެތިކަމުގައި ތި އުޅެނީ ހާދަ ހަޑިކޮށެވެ. ހިތްވަރު ހުރި ނަމަ ފިލައިގެން އުޅުނީ ކީއްވެތޯ،" ލަތީފް ސުވާލު ކުރެއްވި އެވެ
ރައްދުގައި ނިޔާޒް ތުހުމަތު ކުރެއްވި ގޮތުގައި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ކޮރަޕްޝަން ހިންގެވި އިރު އެ މަނިކުފާނަށް ވާގިވެރިވާން ތިއްބެވީ ވެސް 12 މެމްބަރުންނެވެ. ހަށިފޮޅާލާފައި ނުކުންނެވީ ދެ ވަނަ ދައުރަކަށް ގޮނޑި ކަށަވަރު ނުވާނެ ކަން ޔަގީންވުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.