ޕީޕީއެމްގެ ވެރިކަމެއް އިޔާދަވެއްޖެ ނަމަ ރައްޔިތުންނާ މެދު ކަންތައް ވެދާނެ ގޮތަކާ ދޭތެރޭ ކަންބޮޑުވެވަޑައިގަންނަވާތީ، ނޫހަކަށް އިންޓަވިއު ދިނުމުން އެކަމާ މެދު ހިތްހަމަނުޖެހިގެން އެ ޕާޓީއަށް ތާއީދުކޮށް ވާހަކަފަތުރާ މީހަކު މަގުމަތިން ފުރައްސާރަކޮށް، ބިރުދައްކައި އިންޒާރުދީފައިވާ ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ނިޔާޒް ވިދާޅުވީ ދިމާކޮށް، ފުރައްސާރަކޮށް ފޯނުން ރެކޯޑުކުރަމުން އިންޒާރުދީ ހަދަމުން ދިޔައީ މިއަދު ހެދުނު އޭނާ ބޭންކަށް ދިޔަ މަގުމަތީގައި ކަމަށެވެ. ތަފާތު އެކި ތުހުމަތުތައް އަޅުވަމުން، ކޮންތާކުން ހޯދި ފައިސާތޯ އަހަމުން ދިޔަ ކަމަށް ވިދާޅުވި އެވެ.
ވީޑިއޯކުރި މީހާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުކޮށްފަ އެވެ.
ޕީޕީއެމުން ރައްޔިތުންނާ މެދު އަދުލުވެރިވާނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް ކަމަށް ވިދާޅުވެ ކުރެއްވި ޕޯސްޓަކަށް ފަހު، ނިޔާޒް ވަނީ އޭނާގެ އޮޑިޓަ ޖެނެރަލް ކަމުގައި ޕީޕީއެމްގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ހިންގި ގޮތާއި އެ ނޫން ވެސް ގޯސްކޮށް ކުރި ކަންކަމުގެ ތަފްސީލް މި ފަހުން މީޑީއާގައި ހިއްސާކުރައްވައިފަ އެވެ.
"އަޅުގަނޑު ބޭނުން ވާހަކައެއް، ފެންނަ ގޮތް، ކަން ހިނގާފައި ހުރި ގޮތް ކިޔައިދެވޭނެ. އެއީ އަޅުގަނޑުގެ ޒާތީ މިނިވަންކަން. އަޅުގަނޑު ފާޅުކުރަން ބޭނުންވާ ހިޔާލެއް ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން އަޅުގަނޑަށް އޮންނަންވާނެ. ޕީޕީއެމުން ދެކޭ ގޮތަށް ނޫން އަޅުގަނޑު ވާހަކަ ދައްކަން ޖެހޭނީ،" ނިޔާޒް ވިދާޅުވި އެވެ.
"ވަކި ފަރާތަކަށް ނުޖެހި އަޅުގަނޑު ވާހަކަ ދައްކަން ޖެހޭ ސަބަބެއް ވެސް ނެތް. އަޅުގަނޑަކީ ދައުލަތުގެ އެއްވެސް މަގާމެއްގައި ވެސް ހުރި މީހެއް ނޫން. އެހެންވީމަ ވަކި ފަރާތަކަށް ޖެހިގެން ވާހަކަ ދެއްކީ ކީއްވެތޯ ކުރެވޭނެ ސުވާލެއް ނޯންނާނެ."
އެކަމަކު ޕީޕީއެމްގެ ވާހަކަތައް ގެނެސްދޭ ނޫހެއްގައި ހިއްސާއޮންނަ ކަމަށް ބުނާ މީހަކު، އަރައިގަތީ، ނިޔާޒް ވިދާޅުވި ގޮތުގައި، އޭނާގެ ފަރުދީ އަދި ޒާތީ މިނިވަންކަމަށެވެ. އެ މީހަކު އަމިއްލައަށް ދެކޭ ގޮތް، ހިޔާލެއް ފާޅުކުރުމަކީ މީގެ ކުރިން ވެސް އެ ޕާޓީއަށް ހަޖަމްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"މިހާރުއްސުރެން ޕީޕީއެމްގެ އަސްލު ސިފަ މިދަނީ ފެންނަމުން. ވެރިކަން ލިބިއްޖިއްޔާ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާކޮށްލައްވާ."
ނިޔާޒް ވަނީ އޭނާއަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރާ މީހާގެ ފޮޓޯ ވެސް އާއްމުކޮށްފަ އެވެ. މި މައްސަލަ ތަހުގީގުކޮށްދޭން ފުލުސް އޮފީހަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.