ލަންޑަން (ޖުލައި 21) - އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅޭ ދުވަސްވަރަށް ބަދަލު ގެނައުމާ އެކު ޔޫރަޕްގެ ކްލަބްތަކަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ އެވެ.

ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެފްރިކަން ކަޕް ކުރިން ކުރިއަށްދަނީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން މެދުތެރެއިން ޖެނުއަރީ މަހާއި ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. މިކަމުގެ ސަބަބުން ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ އެފްރިކާގެ ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިންނަށް ރިލީޒް ދޭން ޖެހުމަކީ ކްލަބްތަކަށް ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ.

ގިނަ މަޝްވަރާތަކަށް ފަހު ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ސީއޭއެފް) އިން މިހާރު ނިންމާފައިވަނީ އެފްރިކަން ކަޕް ޖޫން - ޖުލައި ގައި ކުޅުމަށެވެ. އަދި މުބާރާތުގައި ކުޅޭ ޓީމުގެ އަދަދު 16 އިން 24 އަށް އިތުރު ކުރުމަށެވެ. މި ގޮތުން 2019 ވަނަ އަހަރު ކެމަރޫންގައި ބާއްވާ މުބާރާތް އޮންނާނީ އެ އަހަރު ޖޫން އާއި ޖުލައިގަ އެވެ.

މީގެ ކުރިން އެފްރިކަން ކަޕް ކުޅޭ ދުވަސްވަރަށް ބަދަލު ނުގެނައީ މުބާރާތް ޕްރޮމޯޓް ކުރުމުގައި ދަތިތަކެއް ހުރުމުންނެވެ. އަދި ޒަމާނުއްސުރެއް މި މުބާރާތް ކުޅެމުން އައީ އަހަރު ފެށުމުގެ މުނާސަބަތާ ގުޅުވައިގެން ކަމަށްވާތީ އޭރު ސީއޭއެފުން ބަދަލެއް ގެންނަން ބޭނުމެއް ނުވި އެވެ.

އެހެން ނަމަވެސް ފާއިތުވި އަށް ވަރަކަށް އަހަރު ޔޫރަޕްގެ ކްލަބްތަކަށް ކުޅޭ އެފްރިކާ ކުޅުންތެރިން ސީޒަންގެ އެންމެ މުހިއްމު ހިސާބުން ރިލީޒްދޭން ޖެހުމުން ކްލަބްތަކަށް އެކަމުގެ ގެއްލުން ކުރިމަތިވާތީ ޔޫއެފާ އާއި ފީފާ އަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ސީއޭއެފުން އެފްރިކަން ކަޕް ކުޅޭ މުއްދަތަށް ބަދަލު ގެނައީ ޔުއޭފާ އާއި ފީފާއާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.