ގާހިރާ، މިސްރު (ޖުލައި 7) - އެފްރިކަން ކަޕްގައި މިސްރު ރޭ ކުޅުނު ދެ ވަނަ ބުރުގެ މެޗުން ދެކުނު އެފްރިކާ އަތުން 1-0 އިން ބަލިވެ މުބާރާތުން ކެޓިއިރު، މިސްރު އެފްއޭގެ ރައީސް ހާނީ އަބޫ ރީދާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރޭގެ މެޗުގައި މިސްރަށް ލިބުނު އިރު، އެންމެ ރަނގަޅު ފުރުސަތު ނަގާލީ މުހައްމަދު ސަލާހު ތަނަަވަސްކޮށްދިން ފުރުސަތަކުން މަހުމޫދު ޓްރެޒެގޭ އެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓައި ދެކުނު އެފްރިކާ އަށް ކާމިޔާބު ކޮށްދިނީ ތެންބިންކޯޝީ ލޯޗް އެވެ.
މި ފަހަރުގެ މުބާރާތަކީ 2011 ވަނަ އަހަރަށް ފަހު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު މިސްރަށް އަލުން ތަށި އުފުލާލަށް ލިބިފައި އޮތް ބޮޑު ފުރުސަތެއް ކަމަށް އަބޫ ރިދާ ވަނީ ކުރިން ވިދާޅުވެފަ އެވެ. މުބާރާތުގެ ނާކާމިޔާބީ އަށް ފަހު ރިދާ އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ އޭނާގެ ޓެކްނިކަލް ޓީމު މަގާމުން ވަކިކޮށްފަ އެވެ. އަދި ބޯޑުގައި ތިބި އެންމެން ވެސް އިސްތިއުފާ ދޭން އެންގެވި އެވެ.
ރިދާ މިސްރުގެ އެފްއޭއާ ހަވާލުވީ 2016 ވަނަ އަހަރު އެވެ. އޭނާ މަގާމުން އިސްތިއުފާ ދިނީ މީޑިއާގެ ޕްރެޝަރު ވެސް ބޮޑުވެފައިވުމުންނެެވެ. އެ ގޮތުން މި ފަހަރުގެ މުބާރާތުގައި އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެން މިސްރުގެ ވިންގް އަމްރު ވަރުދާ ޓީމުން ސަސްޕެންޑް ކުރުމަށް ފަހު އަލުން ޓީމަށް ނަގަން ނިންމުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
އަދި މިސްރުގެ ކޯޗަކަށް މިދިޔަ އަހަރު ހަމަޖެއްސި ހަވިއޭ އަގީރޭގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް މިސްރުގެ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި ޓީމުގެ ތަރި ސަލާހުގެ ބޭނުން އަގީރޭ އަށް ރަނގަޅަށް ނުހިފޭ ކަމަށް މިސްރުގެ ލެޖެންޑް ވައެލް ގޮމާ ވަނީ ބުނެފަ އެވެ.
ރޭގެ މެޗަށް ފަހު އަގީރޭ ބުނީ މިސްރުގެ ކޯޗުކަމުގެ މަގާމުގައި ދެމިހުރުމާ މެދު ވަކި ގޮތެއް ނިންމާނީ އެފްއޭއާ މަޝްވަރާކުރުމަށް ފަހު ކަމަށެވެ. އެކަމަކު ފަހުން އޭނާ ވެސް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އެފްރިކަން ކަޕްގައި ރޭ ކުޅުނު ދެ ވަނަ ބުރުގެ އަނެއް މެޗުން 3-2 އިން ނައިޖީރިއާ އަތުން ބަލިވެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކެމަރޫން ވަނީ ކަޓައިފަ އެވެ. މިއާ އެކު ކެމަރޫންގެ ކޯޗު ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ކްލަރެންސް ސީޑޯފަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.