ގާހިރާ، މިސްރު (ޖޫން 29) - އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ލީކްވުމާ ގުޅިގެން، މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތެރެއިން ގެއަށް ފޮނުވާލި މިސްރުގެ ވިންގް އަމްރު ވަރްދާ އަށް ދެ ވަނަ ފުރުސަތެއް ދީ އަލުން ގައުމީ ޓީމަށް ނަގައިފި އެވެ.
އުމުރުން 25 އަހަރުގެ އަމްރު މިދިޔަ ބުދަ ދުވަހުގެރޭ ކުއްލި ގޮތަކަށް ގައުމީ ޓީމުގެ ސްކޮޑުން ބާކީކުރީ ސޯޝަލް މީޑިއާގައި މިސްރުގެ ގިނަ އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކޮށްފައިވާ ސްކްރީންޝޮޓްތަކެއް އާންމުވެ ގިނަ ފާޑުކިޔުންތަކެއް ގައުމީ ޓީމަށް އާންމުވުމުންނެވެ. އެ މައްސަލައިގައި މިސްރު އެފްއޭ އިން ވަގުތުން އަމްރުއާ މެދު ފިޔަވަޅު އެޅީ އެ ގައުމުގައި އެފްރިކަން ކަޕް ކުރިއަށްދާއިރު ސަޕޯޓަރުންގެ ނުރުހުން އަމާޒުވާ ފަދަ އެެއްވެސް ކަމެއް ނުކުރުމުގެ ގޮތުންނެވެ.
އަމްރު ގެއަށް ފޮނުވާލުމަށް ފަހު މިސްރުން ކުޅުނު ކަޕް އޮފް ނޭޝަންސް ދެ ވަނަ މެޗުގައި ކޮންގޯ އަތުން މޮޅުވެ ވަނީ މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ހޯދައިފަ އެވެ. އެ މެޗަށް ފަހު މިސްރުގެ ތަރި މުހައްމަދު ސަލާހު އާއި އެ ޓީމުގެ އެހެން ކުޅުންތެރިން ވަނީ އަމްރު އަށް އިތުރު ފުރުސަތެއް ދޭންޖެހޭ ކަމަށް ބުނެފަ އެވެ. އަދި ހެދޭ ގޯހަކުން އެއްވެސް ކުޅުންތެރިޔަކަށް އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ނުދީ ބާކީކޮށްލުން އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ގްރީސްގެ ލީގުގައި ކުޅެމުން އަންނަ އަމްރު ވަނީ ފޭސްބުކްގައި އާންމުކުރި ވީޑިއޯއެއްގައި އޭނާގެ ފަރާތުން ފެނިގެންދިޔަ ދަށުދަރަަޖައިގެ އަމަލުތަކަށް މައާފަށް އެދިފަ އެވެ. އެއާ އެކު މިސްރު އެފްއޭގެ ރައީސް ހާނީ އަބޫ ރީދާ ވަނީ އަމްރު އަށް ދީފައިވާ އަދަބަށް ލުޔެއްދޭން ނިންމަވައިފަ އެވެ.
"މީގެއން ފެނިގެންދިޔަ އެއް ކަމަކީ ކުޅުންތެރިންގެ މެދުގައި އޮތް އެއްބައިވަންތަކަން. އަމްރު އަށް ދީފައިވާ އަދަބު ލުއިކުރަން ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ އޭނާ އަށް ދެ ވަނަ ފުރުސަތެއް ދިނުން ހައްގުކަމަށް ގަބޫލުކުރުމަށް ފަހު،" މިސްރު އެފްއޭގެ ރައީސް ހާނީ ނެރުއްވި ބަޔާނެއްގައިވެ އެވެ.
ގްރީސްގެ ޕީއޭއޯކޭގެ ލޯން އެއްބަސްވުމެއްގެ ދަށުން އެ ގައުމުގެ އަތުރޮމީތޯސް އަށް ކުޅެމުން އަންނަ އަމްރު އަކީ މިސްރުގެ 20 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް މީގެ ކުރިން ކުޅުނު ކުޅުންތެރިޔެކެވެ. އޭނާ ވަނީ މި ފަހަރުގެ އެފްރިކަން ކަޕްގައި މިސްރުން ކުޅުނު ފުރަތަމަ މެޗުގައި ގިނީއާ ދެކޮޅަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރުވައިފަ އެވެ. މިސްރު ކުޅޭ ފަހު މެޗުގައި މާދަމާރޭ ބައްދަލުކުރާނީ ޔޫގެންޑާއާ އެވެ.