ސަމާރާ (ޖޫން 29) - މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ ބުރުން އެފްރިކާ ބައްރަށް ނިސްބަތްވާ އެއްވެސް ގައުމަކަށް ފުރުސަތު ނުލިބުނުއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި ފާއިތުވި 36 އަހަރު ތެރޭ އެ ބައްރުގެ ގައުމުތަކުގެ ނަތީޖާތައް އެންމެ ދަށްކޮށް ދިޔަ ފަހަރެވެ.

ވޯލްޑް ކަޕެއްގެ ދެ ވަނަ ބުރުން އެފްރިކާ އެއްވެސް ޓީމަކަށް ފުރުސަތެއް ނުލިބި އެންމެ ފަހުން ދިޔައީ 1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ވޯލްޑް ކަޕުންނެވެ. އެ ފަހަރު ވާދަކުރި ކެމަރޫން އާއި އަލްޖީރިއާ ކެޓީ ރަނގަޅު ވާދައެއް ކުރުމަށް ފަހު އެވެ.

މި ފަހަރުގެ ވޯލްޑް ކަޕަށް އެފްރިކާ އިން ކޮލިފައިވީ މިސްރު، މޮރޮކޯ، ޓިއުނީޝިއާ، ނައިޖީރިއާ އަދި ސެނެގާލް އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނުދަނީސް މޮރޮކޯ، މިސްރު އަދި ޓިއުނީޝިއާ ވަނީ ކަޓައިފަ އެވެ. އަދި ނައިޖީރިއާ ފަހު މެޗުން އާޖެންޓީނާ އަތުން ބަލިވެގެން ކެޓިއިރު، ކޮލަމްބިއާ އަތުން ބަލިވި ސެނެގާލް ކެޓީ ފެއާ ޕްލޭ ގަވާއިދަށް ބަލައިގެންނެވެ.

އެފްރިކާ ފުޓްބޯޅަ ލެޖެންޑް އައިވަރީ ކޯސްޓުގެ ޑިޑިއޭ ޑްރޮގްބާ ބުނީ މި ހާލަތުން އަަރައިގަނެވޭނީ ވޯލްޑް ކަޕަށް އެފްރިކާ ޓީމުތައް ކޮލިފައިވާ އުސޫލުތައް ބަދަލުކޮށްގެން ކަމަށެވެ.

"ކޮންމެވެސް އެއް ދުވަހަކުން އެފްރިކާ ފުޓްބޯޅަ ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް. އެކަމަކު ޖެހޭނީ މި މުބާރާތަށް އަހަރެމެން ކުރިމަތިލާ ގޮތް މުޅިން އެއްކޮށް ބަދަލުކުރަން،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ޑްރޮގްބާ ބުންޏެވެ.

މި ވޯލްޑް ކަޕުގައި އެފްރިކާ ޓީމުތައް ކުޅުނު 15 މެޗުން ހޯދުނީ ތިން މޮޅެވެ. ގިނަ މެޗުތަކުން ބަލިވިއިރު އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އީރާން އަތުން މޮރޮކޯ ބަލިވުމުންނާއި މިސްރުގެ މައްޗަށް ސައުދީ އަރަބިއާ އިން ކުރި ހޯދުމުންނެވެ.

ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ކުއާޓާ ފައިނަލުގައި ކުޅުނީ އެފްރިކާގެ ތިން ޓީމެކެވެ. އެއީ 1990 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ކެމަރޫން، 2002 ގެ ވޯލްޑް ކަޕުގައި ސެނެގާލް އަދި 2010 ގެ ވޯލްޑް ކަޕުގައި ގާނާ އެވެ.

ވޯލްޑް ކަޕުގެ ފޯމެޓް 2026 ވަނަ އަހަރު އޮންނަ މުބާރާތަށް ބަދަލުވެގެންދާއިރު، އެ ހިސާބުން މި މުބާރާތުގައި އެފްރިކާ އަށް ނިސްބަތްވާ ނުވަ ޓީމު ފެންނާނެ އެވެ.