ކާބުލް (އޮގަސްޓް 18) - އަފްގާނިސްތާންގެ ކޮންޓްރޯލް ތާލިބާނުން އަލުން ހޯދުމުން، އަފްގާނިސްތާންގެ ފުޓްބޯޅަ ސަސްޕެންޑްވެދާނެ ކަމުގެ ބިރުކުރިމަތި ވެއްޖެ އެވެ.
ތާލިބާނުން، މީގެ ކުރިން އަފްގާނިސްތާންގައި ވެރިކަން ކުރިއިރު، އެ ގައުމުގެ ފުޓްބޯޅަ އޮތީ ބައިނަލްއަގްވާމީ މައިދާނުން އެކެހެރިވެފަ އެވެ. އަފްގާނިސްތާންގެ ފުޓްބޯޅަ އަލުން އެނބުރި އައީ ތާލިބާނުންގެ ވެރިކަން 2001 ގައި ނިމުމަކަށް ގެނައި ފަހުންނެވެ.
ތާލިބާނުން އަލުން ވެރިކަމަށް އައިިއރު އަފްގާނިސްތާންގެ ފުޓްބޯޅައާ މެދު ޔަގީން ކަމެއް ނެތެވެ.
"ތާލިބާނުން ބާރުވެރި ކަމުގައި ތިބި އިރު އަހަރެން އުންމީދު ކުރަން އަފްގާންގެ ފުޓްބޯޅައާ އެ މީހުން ނުބެހޭނެ ކަމަށް،" ސްޕެއިންގެ ކުޅިވަރު ނޫސް މާކާއިން އިންޓަވިއު ކުރި އަފްގާނިސްތާންގެ ސީނިއާ ކުޅުންތެރިޔަކު ބުންޏެވެ. "އަފްގާން ފުޓްބޯޅަ ފެޑްރޭޝަނަށް އެ މީހުން ބާރު ފޯރުވައިފި ނަމަ ފީފާ އިން ފިޔަވަޅު އަޅާނެ. އެހެންވާތަން ދެކޭކަށް އަހަރެން ބޭނުމެއް ނޫން."
އަފްގާނިސްތާނަކީ ފީފާ އާއި އޭއެފްސީގެ މެންބަރެކެވެ. އޭއެފްސީގެ ސަބް ފުޓްބޯޅަ ފެޑްރޭޝަންތަކުގެ ތެރެއިން އަފްގާނިސްތާން ނިސްބަތް ވަނީ ސެންޓްރަލް އޭޝިއަން ފުޓްބޯލް އެސޯސިއޭޝަނަށެވެ. އޭގެ ކުރިން 10 އަހަރު ވަންދެން ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ ސާފްގެ މެންބަރެއްގެ ގޮތުގައިވެސް އަފްގާނިސްތާން ދެމިއޮތެވެ. އެ ގައުމުން ވަނީ 2013 ގެ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފަ އެވެ.
ތާލިބާނުން އަލުން ވެރިކަމަށް އައިރު އެ ޖަމާއތުން ދައްކަނީ އާ މަންޒަރެކެވެ. އަންހެނުން ވަޒީފާ އަދާކުރުމުގެ މިނިވަންކަން ދޭނެ ކަމަށް އެ ޖަމާއަތުން ބުނެ އެވެ. އަފްގާނިސްތާންގެ ކްރިކެޓް ރިޕޯޓަރު އިބްރާހިމް މޮމަންނަދު، ޓްވިޓާގައި ބުނެފައި ވަނީ، އަފްގާނިސްތާންގައި ކްރިކެޓް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދޭނެ ކަމަށް ތާލިބާނުން ބުނެފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަންނަ އޮކްޓޯބަރުގައި އަފްގާނިސްތާންގެ 23 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމާ ދެކޮޅަށް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު ކުޅޭނެ އެވެ. އެއީ އަންނަ އަހަރު ބާއްވާ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގަ އެވެ. އެ މެޗުތައް ކުޅޭނީ ބަހުރޭނުގަ އެވެ.