ކާބުލް (ޑިސެމްބަރު 11) - އަފްޣާނިސްތާންގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކަރަމުއްދީން ކަރީމް ހިމެނޭގޮތަށް ފަސް އޮފިޝަލުން ސަސްޕެންޑްކުރަން އެ ގައުމުގެ އެޓާނީ ޖެނެރަލް އޮފީހުން އަންގައިފި އެވެ.

އަފްޣާނިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ އިސް ފަސް އޮފިޝަލަކު ސަސްޕެންޑް ކުރަން ނިންމީ މިހާރު ބަލަމުން އަންނަ އެ ގައުމުގެ އަންހެން ގައުމީ ޓީމުގެ ކުޅުންތެރިންނާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ މައްސަލައިގައި ހެކި ފޮރުވަން މަސައްކަތްކުރާތީ އެވެ.

މި މައްސަލަ ތަހުގީގުކުރަން ފެށީ އިނގިރޭސި މީޑިއާއެއް ކަމަށްވާ ދި ގާޑިއަންގައި އާންމުކުރި ރިޕޯޓްތަކަކާ ގުޅިގެންނެވެ. ގާޑިއަންގައި އާންމުކޮށްފައިވާ ރިޕޯޓްގައިވާ ގޮތުން އަންހެން ޓީމުގައި ހިމެނޭ ފިރިހެން އޮފިޝަލުން ވަނީ ގަދަކަމުން ޓީމުގެ ކުޅުންތެރިންނާ އެކު ބަދުއަހުލާގީ އަމަލުތަކެއް ހިންގައިފަ އެވެ.

ގާޑިއަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަދުއަހުލާގީ އަމަލުތައް ހިންގީ މިދިޔަ ފެބްރުއަރީ މަހު ޖޯޑަންގައި ކުރިއަށްދިޔަ ޓްރެއިނިން ކޭމްޕެއްގެ ތެރެއިންނެވެ. ގާޑިއަން އަށް މި ކަމުގެ މައުލޫމާތު ދިނީ އަފްޣާނިސްތާން އަންހެން ޓީމުގެ ކެޕްޓަން ހާލިދާ ޕޮޕާލް އެވެ.

އެ މައްސަލައިގެ ވާހަކަތައް މީޑިއާގައި ދައްކަން ފެށުމާ އެކު އަފްޣާނިސްތާންގެ ރައީސް އަޝްރަފް ޣަނީ ވަނީ އެ މައްސަލަ ސީރިއަސް މައްސަަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް އަންގައިފަ އެވެ.

އަފްޣާނިސްތާންގެ އެޓާނީ ޖެނެރަލް އޮފީހުުގެ ތަރުޖަމާން ޖަމްޝީދު ރަސޫލީ ވިދާޅުވީ އަފްޣާނިސްތާން ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް އާއި އޭނާގެ ޑެޕިއުޓީގެ އިތުރުން އެފްއޭގެ ޖެނެރަލް ސެކްރެޓަރީ ގޯލްކީޕަރު ކޯޗިންގެ ހެޑް އަދި ޕްރޮވިންޝަލް ކޯޑިނޭޓަރު ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މި ފަސް މީހުން ސަސްޕެންޑް ކުރަން ނިންމީ ތަހުގީގަށް ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށް ހެކި ހޯދުމުގެ ގޮތުން،" ޖަމްޝީދު ވިދާޅުވި އެވެ.

އަފްޣާނިސްތާންގެ އެފްއޭގެ ތަރުޖަމާން ޝާފީ ސަދާބް ވަނީ ތަހުގީގަށް އެ އިދާރާއިން ފުރިހަމަ އަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ފީފާ އިން ވެސް އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލަތަކުގެ ސަބަބުން ޑެންމާކުގެ ކުޅިވަރު ސާމާނު އުފައްދާ ކުންފުނި ހަމެލް އިން ވަނީ އަފްޣާނިސްތާން ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ކެންސަލް ކޮށްފަ އެވެ.