ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފަކު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ރޭ ފަތިހު ފެނިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޒަހަމްތަކަކާއެކު އޮތް އެފްކޮންސް ވިލިމާލެ ސައިޓުގައި އޮތް މީހަކު ފަތިހު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ތަނަށް ގެންދިޔައިރު ވެސް އެ ފިރިހެން މީހާ އޮތީ މަރުވެފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މިހާތަނަށް ބެލި ބެލުމުން އެ މީހާއަކީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރާ އެފްކޮންސްގެ މުވައްޒަފެއްކަން އެނގިފައިވާ ކަމަށް ބުންޏަސް، އެ ފިރިހެން މީހާއަށް ލިބިފައިވާ އަނިޔާތަކެއް އަދި ސާފެއްނުވެ އެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.