ރާއްޖޭގެ ފުޓްބޯޅަ ކްލަބްތަކަށް އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލުނު ސަބަބުތަކާއި އިސްލާހުކުރަން ޖެހޭ ކަންކަން ބެލުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ނިންމަވައިފި އެވެ.
ރާއްޖެ އަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލުނީ ކްލަބްތަކަށް ލައިސަންސް ނުލިބުމުންނެވެ. އެކަން ނުވީ ކްލަބްތަކުން ލިޔެކިޔުންތައް ހުށަނޭޅުމުން ކަމަށް އެފްއޭއެމުން ބުނެ އެވެ.
ވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓްބޯޅަ އަކީ ދައުލަތުން ބޮޑު ހޭދައެއް ކުރާ ކުޅިވަރަކަށްވެފައި އޭއެފްސީ ކަޕުގައި ކުޅުމުގެ ފުރުސަތު ގެއްލިގެން ގޮސްފައިވާތީ އެކަން މެދުވެރިވި ސަބަބު ބަލައި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމަވާފައިވާ ކަމަށެވެ.
"އެކަން ކުރިއަށްދާނީ ފުޓްބޯޅަ އެސޯސިއޭޝަނާއި ކްލަބްތަކުގެ ބައިވެރިވުމާ އެކު،" ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް ވިދާޅުވީ ކަންކަން އިސްލާހުކޮށް ހަރުދަނާކުރަން މިނިސްޓްރީން ކުރާ ކޮންމެ ކަމަކަށް މަރުހަބާ ކިޔާނެ ކަމަށާއި އެފްއޭއެމުން އެކަމަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ރާއްޖޭގެ އެއް ވަނަ ޑިވިޝަނުގެ ފުޓްބޯޅަ ކްލަބްތަކަށް ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން މާލީ އެހީތެރިކަންދެ އެވެ. މީގެ އިތުރުން ކްލަބްތަކުގެ ބިދޭސީ ކޯޗުންނަށް މުސާރަ ދެނީ ވެސް މިނިސްޓްރީންނެވެ. އަދި އޭއެފްސީ ކަޕުގައި ވާދަކުރުމަށް ވެސް މިނިސްޓްރީން އެހީވެ އެވެ.
އޭއެފްސީން ދޫކުރާ ކްލަބް ލައިސަންސް ނެތް ކްލަބްތަކަށް މިދިޔަ އަހަރުން ފެށިގެން އޭއެފްސީ ކަޕުން ފުރުސަތު ނުދެ އެވެ. އަދި ލައިސަންސް ހޯދުމަށް ލިޔެކިޔުންތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކައި ކޮންމެ ކްލަބަކަށް ވެސް އޮންލައިން ޕޯޓަލެއްގެ ލޮގްއިން އެއް އޭއެފްސީން އޮންނަނީ ދީފަ އެވެ. އެފްއޭއެމުން ބުނީ ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ މުއްދަތުތައް ކްލަބްތަކަށް އެކި ފަހަރު މަތިން ވަނީ ތަކުރާރުކޮށް އެންގުނު ކަމަށާއި އެކަމަކު ކްލަބްތަކުން ސިސްޓަމަށް ލިޔެކިޔުން ހުށަހަޅާފައިނުވާ ކަމަށެވެ.
އެކަމަކު ބައެއް ކްލަބްތަކުން ބުނަނީ އަޕްލޯޑްކުރި ގިނަ ލިޔެކިޔުންތައް ވެސް އެފްއޭއެމުން އެޕްރޫވްކޮށްފައިނުވާ ކަމަށެވެ. އަދި ކްލަބްތަކުން ހުށަނޭޅި ލިޔެކިޔުންތަކުގެ ތެރޭގައި އެފްއޭއެމުން ލިބެން ޖެހޭ ލިޔެކިޔުންތައް ވެސް ހުރި ކަމަށް ކަމަށް ކްލަބްތަކުން ބުނެ އެވެ.
ކްލަބްތަކަށް ލިޔެކިޔުން ހުށަހަޅަން އަލުން ސިސްޓަމް ހުޅުވައިދޭން އޭއެފްސީގައި އެފްއޭއެމުން އެދުނު ނަމަވެސް އެކަމެއް ކާމިޔާބެއް ނުވި އެވެ.
އޭއެފްސީ ކަޕަކީ ރާއްޖޭން 2004 އިން ފެށިގެން ވާދަކުރަމުން އަންނަ މުބާރާތެކެވެ. މި މުބާރާތަކީ ދިވެހި ކުޅުންތެރިންނަށް ކްލަބް ލެވެލްގައި ބައިނަލްއަގްވާމީ ފެންވަރުގައި ގިނަ ތަޖުރިބާތަކެއް މީގެ ކުރިން ލިބިފައިވާ މުބާރާތެކެވެ. އަދި ރާއްޖޭގެ ކްލަބްތަކުން ވަނީ އޭޝިއާގެ ނަން މަޝްހޫރު ޓީމުތައް އަތުން މި މުބާރާތުގައި ރަނގަޅު ކާމިޔާބެއް ވެސް ހޯދައިފަ އެވެ. އެގޮތުން ރާއްޖޭގެ ނިއު ރޭޑިއަންޓް ވަނީ 2005 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދައި 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ.