ދަންވަރު ދޭއް ޖަހާއިރު އަންހެނަކު އެކަނިމާ އެކަނި ސިޓީއެއްގެ މަގުތައް މަތީގައި ދުވަން ގޮސް އުޅޭ މަންޒަރު ދައްކާ އިޝްތިހާރަކާ ގުޅިގެން ގިނަ ބަޔަކު ސެމްސަންގަށް ފާޑުކިޔަމުން ދަނިކޮށް އެ ކުންފުނިން މާފަށް އެދިއްޖެ އެވެ.
އާންމުންގެ އިތުރުން، އަންހެނުންގެ "ރަނިން ގްރޫޕްސް"ތަކާއި އަދި ރައްކާތެރިކަމުގެ ކެމްޕެއިންތައް ކުރިއަށް ގެންދާ ގިނަ ބަޔަކު ވަނީ އެ އިޝްތިހާރުގައި އަސްލެއް ނެތް ކަންތައްތަކެއް ފެންނަ ކަމަށް ބުނެ ފާޑުކިޔައިފަ އެވެ.
ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރީ ދަންވަރު އަންހެނަކު އެކަނި މަގުމަތީ ދުވުމަކީ ރައްކާތެރިކަމެއްގެ ގޮތުގައި ދައްކަން ސެމްސަންގް އިން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ އެވެ. އެއީ މިދިޔަ ޖެނުއަރީ މަހުގައި އިނގިރޭސިވިލާތުގެ އައިލެންޑްގައި ދަންވަރު އެކަނި ދުވަން ނިކުމެ އުޅެނިކޮށް 23 އަހަރު އަންހެނަކު މަރާލާފައި ވާތީ އެވެ.
އެ އިޝްތިހާރުގައި އެ އަންހެން މީހާ ދުވާއިރު ހުންނަނީ ހެޑްފޯން އަޅައިގެން، މިއުޒިކް ވެސް ޖަހައިގެންނެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ސެމްސަންގް އިން ބުނީ އެ ކުންފުނިން އިޝްތިހާރުކުރަން ބޭނުންވީ އެ މީހުންގެ އުފައްދާ ގެެލެކްސީގެ އުފެއްދުންތައް ބޭނުންކުރާ މީހުންނަށް އެމީހުންގެ "ފިޓްނެސް ގޯލްސްތައް" ހާސިލުކުރުމަށް އެ އެއްޗެހިން ލިބޭނެ ފައިދާ ކަމަށެވެ.
ސެމްސަންގް އިން މިހާރު ވަނީ އެ އިޝްތިހާރު ޑިލިޓްކޮށްލައިފަ އެވެ.