މެނީލާ (ސެޕްޓެމްބަރު 30) - ފިލިޕީންސްގައި ޑްރަގު ބޭނުންކުރާ މީހުންނަށް އޮތީ ޔަހޫދީންނަށް އެޑޮލްފް ހިޓްލަރު ހެދި ގޮތް ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެ ވިދާޅުވެއްޖެ އެވެ.

"ހިޓްލަރު ވަނީ ތިން މިލިއަން ޔަހޫދީން މަރާފައި. ފިލިޕީންސްގައި ޑްރަގު ބޭނުންކުރާ ތިން މިލިއަން މީހުން އެބަތިބި. އެ އެންމެން މަރާލުމަކީ އަޅުގަނޑު އުފާވާނެ ކަމެއް،" ޑުޓާޓެ ވިދާޅުވި އެވެ.

ޑުޓާޓެ ވިދާޅުވި ހިސާބުތައް ދިމަލެއް ނުވެ އެވެ. ހިޓްލަރު ވަނީ ހަ މިލިއަން ޔަހޫދީން މަރައިފަ އެވެ. އަދި ފިލިޕީންސް އިން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން އެ ގައުމުގައި ތިބީ ޑްރަގު ބޭނުންކުރާ 1.8 މިލިއަން މީހުންނެވެ. މިއީ އެ ގައުމުގެ އާބާދީގެ 1.8 ޕަސެންޓެވެ.

މިިދިޔަ ޖޫން މަހު ފިލިޕީންސްގެ ރައީސްގެ މަގާމާ ޑުޓާޓެ ހަވާލުވެވަޑައިގެންނެވި ފަހުން މިހާތަނަށް ވަނީ ޑްރަގު ބޭނުންކުރާ 3،000 މީހުން މަރައިފަ އެވެ.

ޑްރަގު ބޭނުންކުރާ މީހުންނާ މެދު ޑުޓާޓެ ގެންގުޅުއްވާ ސިޔާސަތަށް އީޔޫ، އެމެރިކާ އަދި އދ. އިން ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅު ކުރަމުންނެވެ. ޑުޓާޓެގެ އެންމެ ފަހުގެ ތަގްރީރުގައި ވެސް ވަނީ ހުޅަނގަކީ ވަރަށް ދެފުށްދެގޮތް ބައެއް ކަމަށް ވިދާޅުވެފަ އެވެ.

"ކަލޭމެން އެމެރިކާ އަދި އީޔޫ އިން އަޅުގަނޑާ ދިމާލަށް ކޮންމެ އެއްޗެއް ވެސް ގޮވިދާނެ. އެކަމަކު ކަލޭމެން ގޮތަށް ދެފުށްދެގޮތް މީހަކަށް އަޅުގަނޑު ނުވާނެ،" ޑުޓާޓެ ވިދާޅުވި އެވެ. "މެދުއިރުމަތިން އެ ދަނީ އެތައް ހާސް ރެފިއުޖީނެއް ނުކުންނަމުން. އެކަމަކު ކަލޭމެން ތި ތިބެނީ އެ މީހުން ކުނިވާން ދޫކޮށްލައިގެން. ތި ކަންބޮޑު ވަނީ 1،000، 2،000، 3،000 މީހުންގެ މަރާ މެދު."

ޑުޓާޓެ އެންމެ ފަހުން މި ދެއްކެވި ވާހަކަތަކަށް ޔަހޫދީ ލީޑަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.