ވޮޝިންޓަން (އެޕްރީލް 12) - ވިހަ ގޭސް ބޭނުންކޮށްގެން އެޑޮލްފް ހިޓްލަރު ވެސް މީހުން މަރާފައި ނުވާ ކަމަށް ވިދާޅުވެ ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ ކުރެއްވި ކޮމެންޓަށް އޭނާ ފަހުން މައާފަށް އެދިވަޑައިގެންފި އެވެ.

ސީރިއާގެ ރައްޔިތުންނާ ދެކޮޅަށް ރައީސް ބައްޝާރުލް އަސަދު ކެމިކަލް ހަތިޔާރު ބޭނުން ކުރި މައްސަލާގައި ނޫސްވެރިންނާ އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ސްޕައިސާ ވިދާޅުވީ އެޑޮލްފް ހިޓްލަރުގެ އަނިޔާވެރިކަން މި ފެންވަރަށް ނުދާ ކަމަށާއި އަސަދު ކަންކުރައްވާ ގޮތަށް އަމިއްލަ ގައުމުގެ މީހުން މެރުމަށް ހިޓްލަރު ގޭސް ބޭނުންކޮށްފައި ނުވާ ކަމަށެވެ. އެކަމަކު އެތައް މިލިއަން ޔަހޫދީންނެއް މެރުމަށް ހިޓްލަރު ވަނީ ގޭސް ބޭނުންކޮށްފަ އެވެ.

ސްޕައިސާގެ މި ކޮމެންޓަށް ފާާޑުކިޔުން އަމާޒުވާން ފެށުމުން ސީއެންއެންގައި ވާހަކަ ދައްކަވަމުން އޭނާ ވަނީ އެއީ އޮޅުމަކުން ބުނެވުނު އެއްޗެއް ކަމަށާއި އެކަަމަށް މައާފަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

ކެމިކަލް ބޭނުންކޮށްގެން ހިޓްލަރު މީހުން ނުމަރާ ކަމަށް ސްޕައިސާ ވިދާޅުވުމުން ބައެއް ނޫސްވެރިން ވަނީ އެކަން ރަނގަޅު ވެސް ކޮށްދީފަ އެވެ.

ސީރިއާގައި ދިން ކެމިކަލް ހަމަލާ އެމެރިކާ އިން ދަނީ ވަރަށް ބޮޑަށް ކުށްވެރި ކުރަމުންނެވެ. އެ ހަމަލާގައި ވަނީ 89 މީހުން މަރުވެފަ އެވެ. ކެމިކަލް ހަމަލާ އަށް ރައްދު ދިނުމުގެ ގޮތުން އެމެރިކާ އިން ވަނީ ސީރިއާ އަށް މިސައިލް ހަމަލާ ދީފަ އެވެ.