ވޮޝިންޓަން (ފެބްރުއަރީ 18) - ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރު ބޭނުންކުރި ފޯނު އެމެރިކާގައި ނީލަން ކިޔަން ނިންމައިފި އެވެ.
ނާޒީ ލީޑަރުގެ ނަން ކަނޑާނަގާފައިވާ ރަތް ފޯނު ފެނިފައި ވަނީ އޭނާ ދިރިއުޅުނު ބާލިންގެ ބަންކަރު ތެރޭން 1954 ވަނަ އަހަރު އެވެ. ޖަރުމަނުން އަމާން ދިނުމާ އެކު ސޯވިއެޓް ސިފައިން ވަނީ ސްވެނިއާއެއްގެ ގޮތުގައި އެ ފޯނު އިނގިރޭސި އޮފިސަރެއް ކަމަށްވާ ރަލްފް ރޭނާ އަށް ދީފަ އެވެ. ނަމަވެސް ރޭނާގެ ފިރިހެން ދަރިއަކު އެ ފޯނު ވަނީ ވިއްކާލައިފަ އެވެ.
އެ ފޯނު ނީލަން ކިޔާ އެމެރިކާގެ އެލެގްޒެންޑާ ހިސްޓޯރިކަލް އޮކްޝަންސް އިން ބުނީ ނީލަން ފަށާނީ 100،000 ޑޮލަރުން ކަމަށެވެ. އަދި ފޯނުގެ އަގު 300،000 ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޮކްޝަން ހައުސް އިން ބުނެފައިވެ އެވެ.
އޮކްޝަން ހައުސްގެ އޮފިޝަލަކު ބުނީ ހިޓްލަރު ބޭނުންކުރި ފޯނަކީ "ގިނަ ބަޔަކު މަރާފައިވާ ހަތިޔާރެއް" ފަދަ އެއްޗެއް ކަމަށެވެ. ސަބަބަކީ ހަނގުރާމައިގެ ތެރޭގައި މީހުން މަރަން ހިޓްލަރު އާއްމުކޮށް އަންގާފައި ވަނީ އެ ފޯނު ބޭނުންކޮށްގެން ކަމަށްވާތީ އެވެ.