ވިއެނާ (ފެބްރުއަރީ 14) - ނާޒީންގެ ވެރިކަމުގެ ހަނދާންތައް އާ ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ހިޓްލަރާ ވައްތަރު މީހަކު އޮސްޓްރިއާ އިން ހައްޔަރުކޮށްފި އެވެ.
އުމުރުން 25 އަހަރުގެ އެ މީހާގެ ނަމަކަށް ކިޔަނީ ހަރަލްޑް ހިޓްލަރެވެ. ހިޓަލަރާ ވައްތަރު މީހާ ފެނިފައި މި ވަނީ އޮސްޓްރިއާގައި އެޑޮލްފް ހިޓްލަރު އުފަންވި އަވަށުންނެވެ. ހަރަލްޑް ހިޓްލަރު ހުންނަނީ ވެސް އަސްލު އެޑޮލްފް ހިޓްލަރު ހުންނަ ގޮތަށް މަތިމަސް ހަދާ ބޯ ވެސް އެ ގޮތަށް ހަދައިގެންނެވެ.
ފުލުހުންގެ ތަރުޖަމާން ޑޭވިޑް ފާޓްނާ ވިދާޅުވީ މިއީ މަޖާ ކުރަން ވެސް ކުރާވަރުގެ ކަމެއް ނޫން ކަމަށާއި އެ ޒުވާނަށް އެ ކުރެވެނީ ކޮން ކަމެއްކަން އެނގެން ޖެހޭ ކަމަށެވެ. ހިޓްލަރާ ވައްތަރު މީހާ ވަނީ އޮސްޓްރިއާގެ އެކި ސިޓީތަކުން ވެސް ފެނިފަ އެވެ. އެ ގައުމުގެ ބައެއް އޮންލައިން ނޫސްތަކުގައި އޭނާގެ ފޮޓޯތައް އިއްޔެ ވަނީ ޖަހައިފަ އެވެ.
ނާޒީންގެ ދުވަސްތަކުގެ މަތިން ހަނދާން އާކޮށް ހިޓްލަރަށް އިހުތިރާމް އަދާކުރުމަކީ އޮސްޓްރިއާގައި ކުށެކެވެ. އެއީ 1947 ވަނަ އަހަރު ފާސްކުރި ނާޒީން ޕްރޮމޯޓް ކުރުން މަނާކުރާ ގާނޫނުގެ ދަށުންނެވެ. އޮސްޓްރިއާގެ ކަމާބެހޭ ފަރާތްތަކުން މިދިޔަ އޮކްޓޯބަރު މަހު ވަނީ ހިޓްލަރު އުފަންވި ގެ ތަޅާލަން ނިންމައިފަ އެވެ. ހިޓްލަރު އުފަންވެފައި ވަނީ ޖަރުމަނުގެ ބޯޑަރާ ކައިރީގައި އޮންނަ އޮސްޓްރިއާގެ ބްރައުނައުގައި އެޕްރީލް 20، 1889 ގަ އެވެ. ނާޒީންގެ ދުވަސްވަރު މި ގެ ވަނީ ވަރަށް މާތް ތަނަކަށް ހަދައިފަ އެވެ. ނަމަވެސް ނާޒީންގެ ބާރު 1944 އަހަރު ދަށްވާން ފެށުމުން އެ ގެ ވަނީ ބަންދުކޮށްފަ އެވެ.