އެވިނިއޯން (މެއި 20) - ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަކީ އެޑޮލްފް ހިޓްލަރު ކަމަށް ސިފަކޮށް، އެ ގައުމުގެ ދެކުނު ސަރަހައްދުގައި ހަރުކުރި ޕޯސްޓަރުތަކުގެ މައްސަލަ ފްރާންސްގެ ޕްރޮސިކިއުޓަރުން ތަހުގީގު ކުރަން ފަށައިފި އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ޖަރުމަންގެ ލީޑަރުކަން ކުރި ހިޓްލަރުގެ ސިފަތައް މެކްރޮން އަށް ލިބިފައިވާ ކަމަށް ބުނެ ފްރާންސް ދެކުނު ޕްރޮވިންސް އެވިނިއޯންގައި ބިލްބޯޑްތަކެއްގައި 30 އަށް ވުރެ ގިނަ ޕޯސްޓަރު ހަރުކުރި އެވެ.
ބިލްބޯޑްތަކުގެ ވެރިފަރާތުން އެ ޕޯސްޓަރުތައް ނެގި ނަމަވެސް އާންމުންގެ ތެރޭގައި ރައީސް އިމަނުއެލަށް ފުރައްސާރަ ކުރުމާއި ބަޣާވާތަށް ބާރު އެޅުމުގެ މައްސަލައެއް ކަމަށް ބަލައި ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފްރާންސްގެ ޓީއެފް 1 ޓީވީން ބުންޏެވެ.
އެވިނިއޯންގެ ޕްރޮސިކިއުޓާ ޖެނެރަލް ފްލޮރެންސް ގަލްޓިއާ ވިދާޅުވީ، އެ ކަން ކުރި މީހުންގެ މައްޗަށް ދެ މަސް ދުވަހުގެ ޖަލު ހުކުމަކާއި 7،500 ޔޫރޯ (8،100 ޑޮލަރު) އިން ޖޫރިމަނާއެއް އަންނާނެ ކަމަށެވެ. ފްރާންސްގެ ރައީސަށް ފުރައްސާރަ ކުރީތީ ޖިނާއީ ކުށެއްގެ ގޮތުން 12،000 ޔޫރޯ އިން ވެސް ޖޫރިމަނާ ކުރާނެ ކަމުގެ އިންޒާރު ވެސް އެ ގައުމުގެ ޕީޖީ ދިނެވެ.