ދޯހާ (ޑިސެމްބަރު 12) - ގަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގެ ސެމީ ފައިނަލާއި ފައިނަލުގައި ކުޅޭ އާ ބޯޅަ "އަލް ހިލްމް" ދައްކާލައިފި އެވެ.

އަލް ހިލްމް، އަރަބި ބަހުން ތަރުޖަމާ ކުރާއިރު މާނަ އަކީ "ހުވަފެން" އެވެ. މިހާތަނަށް ކުޅެވިދިޔަ ހުރިހާ މެޗެއްގައި ބޭނުން ކުރި އަލް ރިހްލާ ގެ މާނައަކީ "ދަތުރު" އެވެ.

އަލަށް ތައާރަފް ކުރި "އަލް ހިލްމް" އިން ވޯލްޑް ކަޕް ގައި ކުޅޭނީ ހަތަރު ގައުމަކުންނެވެ. އެއީ ސެމީ ފައިނަލަށް ދަތުރު ކުރި އާޖެންޓީނާ، ކްރޮއޭޝިއާ، ފްރާންސް އަދި މޮރޮކޯ އެވެ.

އެންމެ ފުރަތަމަ މާދަމާ ރޭ ދަންވަރު 12 ޖަހާއިރު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އާޖެންޓީނާ އާއި ކްރޮއޭޝިއާ އެވެ. މި ދެ ޓީމު ވަނީ 2018 ވަނަ އަހަރުގެ ގުރޫޕް ސްޓޭޖުގައި ވެސް ބައްދަލު ކޮށްފަ އެވެ. ލިއޮނެލް މެސީ އާއެކު ކުޅުނު އާޖެންޓީނާ ވަނީ އެ ފަހަރު 3-0 އިން ކްރޮއޭޝިއާ އަތްދަށު ވެފަ އެވެ. އަދި ކްރޮއޭޝިއާ މުބާރާތް ނިންމާލީ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެ ވަނަ ހޯދައިގެންނެވެ.

ބުދަ ދުވަހުގެ ރޭ ސެމީ ފައިނަލްގެ ފަހު މެޗުގައި ބައްދަލު ކުރާނީ، އަލަށް ސެމީ އަށް ދަތުރު ކުރި މޮރޮކޯ އާއި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އެވެ. މިއީ ވޯލްޑް ކަޕް ގައި މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުމެވެ.

މެޗުތަކުގައި ބޭނުންކުރާ "އަލް ހިލްމް" އުފައްދަން ބޭނުން ކޮށްފައި ވަނީ ފެނުން އުފައްދާފައިވާ ދެއްޔާއި ތެރަހުންނެވެ. ފީފާ އިން ހާމަ ކުރާ ގޮތުގައި މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަދި ފައިނަލް މެޗުތަކުގައި ބޭނުންކުރަން މިފަދަ ތަކެތި ބޭނުންކުރި ފުރަތަމަ ފަހަރެވެ.

ބޯޅައިގެ ޑިޒައިނަށް ބަލައިލާއިރު، ރަން ކުލައިގެ ތަފާތު ސައިޒު ތަކުގެ ތިނެސްކަން ބައްޓަން ބޭނުން ކޮށްފައި ވެއެވެ. އެއިން ރަމްޒު ކޮށްދެނީ ވޯލްޑް ކަޕް ބާއްވާ ސަރަހައްދުގައިވާ ހަނަފަސް ސަހަރާ ތަކާއި، ވޯލްޑް ކަޕް ޓްރޮފީގައިވާ ކުލަ އެވެ. އަދި ގަތަރު ދިދައިގައިވާ ރަތް ކުލަ ވެސް ބޯޅައިގައި ބޭނުން ކޮށްފައިވެ އެވެ.

މި އަހަރުގެ ރަސްމީ ބޯޅަ "އަލް ރިހްލާ" ގައި ބޭނުން ކޮށްފައިވާ އައިއެމްޔޫ ސެންސަރާއި، މެޗު އޮފިޝަލުންނަށް ނިންމުންތައް އަވަސް ކުރަން އެހީވެދޭ 'ކަނެކްޓެޑް ބޯލް' ޓެކްނޮލޮޖީ، މި ބޯޅައިގައި ވެސް ބޭނުން ކޮށްފައި ވެއެވެ.

މީގެ އިތުރުން އަލް ހިލްމް ރަމްޒު ކޮށްދެނީ ކުޅިވަރާއި ފުޓުބޯޅަ އަކީ ދުނިޔެ އެކުވެރި ކޮށްދޭ ބާރެއް ކަމަށާއި ދުނިޔޭގެ ކޮންމެ ގައުމަކުން އެތައް މިލިއަން މީހުން ވޯލްޑް ކަޕް ބަލައި، އެންމެން އެކުގައި ކުޅިވަރަށް އޮތް ލޯބި ދައްކާލާ ކަމަށް، ބޯޅަ އުފެއްދި ކުންފުނި އެޑިޑާސްގެ ޕްރެސް ރިލީޒް ގައި ވެއެވެ.

މިއީ ވޯލްޑް ކަޕް ފައިނަލް މެޗުތަކަށް ހާއްސަކޮށް އެޑިޑާސް ކުންފުނިން ނެރުނު ފަސް ވަނަ ބޯޅަ އެވެ. އެޑިޑާސް އިން ވަނީ 2006، 2010، 2014 އަދި 2018 ގައި ވެސް ފައިނަލް މެޗުތަކަށް ހާއްސަ ބޯޅައެއް އުފައްދައިފަ އެވެ.