އދ. ދިއްދޫ ސްކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރުމުން، ސްކޫލަށް ދަރިވަރުން ފޮނުވައި މިއަދު ކިޔެވުން ފަށައިފި އެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކެއްގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ މިދިޔަ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ ރަށު ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ސްކޫލަށް ނުފޮނުވީ ފެނާއި ކަރަންޓު ނެތް ކަމަށް ބުނެ އެވެ.

އާބާދީގައި ކިރިޔާ 100 ހަމަވާ ދިއްދޫ ސްކޫލްގައި އުޅެނީ އެންމެ 14 ދަރިވަރުންނެވެ.

ފެނުގައި ނުބައި ވަހެއް ހުރުމާއި އިރުއިރުކޮޅަކާ ކަރަންޓު ކެނޑޭ މައްސަލަ ހައްލު ނުކޮށް ދަރިވަރުން ސްކޫލަށް ނުފޮނުވަން ބެލެނިވެރިން ނިންމުމުން އެ މައްސަލަތައް މިހާރު ހައްލުކޮށްފައިވާ ކަމަށް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝާމިހު ވިދާޅުވި އެވެ.

ޝާމިހު ވިދާޅުވީ ރޭ އެ ސްކޫލުގެ ބެލެނިވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، ސްކޫލަށް ދިމާވެފައިވާ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ބެލެނިވެރިންގެ ކަންބޮޑުވުންތައް ވެސް ހިއްސާކޮށްފައިވާ ކަމަށެވެ.

އދ. ދިއްދޫ ސްކޫލުގެ ދަރިވަރުން މިއަދު ސްކޫލުގައި.-- ފޮޓޯ: ދިއްދޫ ސްކޫލް
އދ. ދިއްދޫ ސްކޫލުގެ ދަރިވަރުން މިއަދު ސްކޫލުގައި.-- ފޮޓޯ: ދިއްދޫ ސްކޫލް

"ބާރަ ކުދިން ސްކޫލަށް ހާޒިރުވި މިއަދު. ދެ ކުދިން ބަލިކަމުން ނާދޭ. މިހާރު ހުރިހާ މައްސަލައެއް ވެސް ހައްލުކޮށް ބެލެނިވެރިންނާ ވެސް މަޝްވަރާ ކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ސާމިހު ވިދާޅުވީ ކަރަންޓާއި ފެނުގެ މައްސަލަ ވެސް ހައްލުކުރުމުން މިއަދު ކުދިން ސްކޫލަށް ފޮނުވި ކަމަށާއި ކިޔަވުން މިހާރު ކުރިއަށްދާ ކަމަށެވެ.

ދިއްދޫ ކުދިން ކިޔަވަން ނުފޮނުވި މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންނަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އަދި އެ ރަށަށް ފުލުހުން ގޮސް ބެލެނިވެރިންގެ ބަޔާން ވެސް ނެގި އެވެ.