ބޮޑެތި ތަހުގީގުތަކަށް ހާއްސަކޮށްގެން ހެންވޭރުގައި އިމާރާތްކުރި ފުލުހުންގެ އިދާރާ މިއަދު ބޭނުންކުރަން ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު "މިހާރު" އަށް ވިދާޅުވީ ހެންވޭރު ބޯޅަ ދަނޑު ކުރިމަތިން، މަޖީދީ މަގުގައި ހެދި 'ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން'ގައި މަސައްކަތްކުރާނީ ބޮޑު ހަތަރު ޑިޕާޓްމަންޓެއްގެ މަސައްކަތްތަކެވެ.
އެގޮތުން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އާއި ސީރިއަސް އޯގަނައިޒްޑް ކްރައިމާއި ހިއުމަން ޓްރެފިކިން އަދި އިކޮނޮމިކް ކްރައިމްގެ މަސައްކަތްތައް އާ އިމާރާތަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަހުގީގުކުރާ ކޮޓަރިތަކާއި އިންޓަވިއު ރޫމްތަކާއެކު، އިންވެސްޓިގޭޝަނަށް ހާއްސަކޮށްފައިވާ ތަނެއް އެއީ." ޔޫސުން ވިދާޅުވި އެވެ.
ތަހުގީގަށް ހާއްސަކޮށްގެން ހެންވޭރުގައި 10 ބުރީގެ އެ އިމާރާތް އަޅަން ފެށީ 2013 ވަނަ އަހަރެވެ. އެ މަޝްރޫއުގެ މައި ކޮންޓްރެކްރަކީ ޕޮލިސް ވެލްފެއާ ކުންފުނި، ޕޮލްކޯ އެވެ. އެކަމަކު، އެކި ސަބަބުތަކާ ހެދި މަސައްކަތް ނުނިމި ދިގުލައިގެން ދިޔައީ އެވެ.
އާ އިމާރާތަށް ބަދަލުކުރި ތަންތަން މީގެ ކުރިން ހިންގީ ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގަ އެވެ.
ޔޫނުސް ވިދާޅުވީ ކްރިމިނަލް އިންވެސްޓިގޭޝަނަށް ޑިޕާޓްމަންޓުތައް ބަދަލުކުރުމުން ހުސްވާ ޖާގައަށް، އިސްކަންދަރު ކޮށީގެ ބައެއް ޑިޕާޓްމަންޓުތައް ބަދަލުކުރާނެ ކަމަށެވެ.
ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން އިމާރާތް ހާއްސަކުރި އާދަމް ހަލީމަކީ ކ. ކާށިދޫގައި ޑިއުޓީގެ މަސްއޫލިއްޔަތު އަދާކުރަނިކޮށް އެ ރަށު މުހައްމަދު ސަމާހު ދިން ވަޅީގެ ހަމަލާގައި ޖުލައި، 2012 ގައި މަރުވި ފުލުހެކެވެ. އެ ހަމަލާ ދިނީ ސަމާހު ގޭ ބަންދުގައި ހުއްޓާ ގެއިން ބޭރަށް ނިކުމެ އުޅޭތަން އާދަމް ހަލީމަށް ފެނިގެން އޭނާ ޕޮޮލިސް ސްޓޭޝަނަށް ގެންދަން އުޅުމުގެ ތެރޭގަ އެވެ.
ފުލުހުން މިދިޔަ މާޗުގެ ތެރޭގައި ވެސް ވަނީ ސިނަމާލެ ފްލެޓުގައި ހިންގަމުން ދިޔަ ގަލޮޅު ވިލީ، އެންސްޕާ ކުރިން ހިންގި ތަނަށް ބަދަލުކޮށް އަލުން ހުޅުވައިފަ އެވެ.