މިދިޔަ މަހު ރިލީޒް ކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ބައޮގްރަފިކަލް ޑްރާމާގައި މޯދީގެ ރޯލް ކުޅުނު ބޮލީވުޑްގެ އެކްޓަރު ވިވެކް އޮބެރޯއީ ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.
އާއިލާއާ އެކު ރާއްޖެ އައި އެކްޓަރު ޗުއްޓީ ހޭދަ ކުރަނީ އަދާރަން އިން ދާދި ފަހުން ރ. އަތޮޅުގައި ހުޅުވި ހެރިޓެންސް އާރަށުގަ އެވެ. މިއީ ވިވެކް އާއިލާއާ އެކު ރާއްޖެ އައި ދެވަނަ ފަހަރެވެ. ވިވެކާ އެކު އޭނާގެ ބައްޕަ، ޑައިރެކްޓަރު އުރޭޝް އޮބެރޯއީ އާއި އަންހެނުން ޕްރިޔަންކާ އާއި އާއިލާގެ އެހެން ބައެއް މެންބަރުން ވެސް އައެވެ.
އޭނާ މި ފަހަރު އާއިލާއާ އެކު ޗުއްޓީ އަށް ރާއްޖެ އައި އިރު، މޯދީ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ އެވެ.
ވިވެކްގެ އެންމެ ފަހުގެ ފިލްމު އަދި އޮމަންގް ކުމާރު ޑައިރެކްޓް ކުރި "ޕީއެމް ނަރެންދުރަ މޯދީ" އަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ. އެކަމަކު ފިލްމުގައި ވިވެކް މޯދީގެ ކެރެކްޓާ ދައްކުވައި ދިން ގޮތަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.
ފިލްމު "ކޮމްޕެނީ" އިން 2002 ގައި ބޮލީވުޑަށް ނުކުތް ވިވެކްއަކީ ބޮލީވުޑްގެ އެހާ ކާމިޔާބު އެކްޓަރެއް ނޫނެވެ. ކުރީގެ ރީތީގެ ރާނީ އައިޝްވާރިޔާ ރާއީއާ ލޯބީގެ ގުޅުމެއް ވެސް ބޭއްވި ވިވެކް ސިޔާސީ އާއިލާއަކަށް ނިސްބަތްވާ ޕްރިޔަންކާ އަލްވާއާ ކައިވެނި ކުރީ 2010 ގަ އެވެ. އެ ދެ މީހުންނަށް ދެ ކުދިން ވެސް ލިބިފައިވެ އެވެ.
ވިވެކްގެ ބައްޕަ ސުރޭޝް އޮބެރޯއަކީ ވެސް ބޮލީވުޑްގެ އެކްޓަރެކެވެ. އޭނާ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ ޖެނުއަރީ މަހު ރިލީޒް ކުރި ކަންގަނާ ރަނާވަތުގެ "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" އިންނެވެ.