ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ ނަމުގައި ވަކިވަކި ސަރަހައްދުތަކަށް ހާއްސަކުރި ފުލުހުން އެ މީހުންގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.

ފުލުހުން އަލަށް ތައާރަފްކުރި ނެއިބާހުޑް ސަޕޯޓް އޮފިސަރުންގެ މަސައްކަތް ފުރަތަމަ ފެށީ ގްރޭޓާ މާލެ އޭރިއާގަ އެވެ. އެގޮތުން މާލެ ހަތަރު ބަޔަކަށް، ހުޅުމާލެ ތިން ބަޔަަކަށް ބަހާލައި އެ ސަރަހައްދުތަކަށް އޮފިސަރުން ވަނީ ހަމަ ޖައްސައިފަ އެވެ. ވިލިމާލެ ކަނޑައަޅާފައި ވަނީ އެއް ސަރަހައްދުގެ ގޮތުގަ އެވެ.

ނެއިބަހުޑް ސަޕޯޓް އޮފިސަރުންގެ ގޮތުގައި ކަނޑައެޅި ފުލުހުން އެ މީހުން ހާއްސަ ކުރި ސަރަހައްދުތަކުގެ ގޭބިސީތަކާއި ވިޔަފާރިތަކަށް އިއްޔެ ޒިޔާރަތްކޮށްފައިވާ ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ. އެ އިދާރާއިން ބުނިގޮތުގައި އިއްޔެގެ ޒިޔާރަތުގައި ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާ ގުޅޭނެ ނަމްބަރާއި މައުލޫމާތު ހިއްސާކުރި ކަމަށެވެ. އެ މައުލޫމާތު ހިއްސާކުރީ ލީފްލެޓްތަކެއްގެ ގޮތުގަ އެވެ.

ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި އެ އޮފިސަރުންގެ ދަށުން މަސައްކަތް ކުރާ ފުލުހުން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތަކުގެ ތެރޭގައި ކުށުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކާއި އެކި މައްސަލަތަކުގައި ހެކިބަސް ދޭ ފަރާތްތަކަށް ރައްކާތެރިކަން ހޯދައިދިނުމަށް މަސައްކަތްކުރުމާއި، އިންޓެލިޖެންސާއި އެ ސަރަހައްދަކުން ލިބޭ މައުލޫމާތު ހިއްސާކޮށް ހައްލު ހޯދައިދިނުން ހިމެނެ އެވެ.

މިހާތަަނަށް ނެއިބަހުޑް އޮފިސަރުން ހަމަޖައްސާފައި ވަނީ މާލެ ސަރަަހައްދަށް ކަމަށް ވިޔަސް އެ ހިދުމަތް ރަށްރަށަށް ވެސް ތައާރަފްކުރާނެ އެވެ. އެ ހިދުމަތް ތައާރަފްކުރާކަން ހާމަކުރައްވަމުން އެކްޓިން ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ހޯމަ ދުވަހު ވިދާޅުވީ އާ އިންތިޒާމްގެ ބޭނުމަކީ ފުލުހުންނަކީ ހަމަ އެކަނި ކަމެއް ހިނގުމުން ފިޔަވަޅު އަޅާ ބަޔަކަށް ވުމުގެ އިތުރުން ދުރާލާ ފިޔަވަޅު އަޅާ ބަޔަަކަށް ވުމުގެ ސަގާފަތް އަށަގެންނެވުން ކަމަށެވެ.

ހަމީދު ވިދާޅުވި ގޮތުގައި އެންމެ މުހިއްމު ކަމަކީ ސަރަހައްދުތަކަށް ހަމަޖައްސާ ފުލުހުންނާ އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ވީހާ ވެސް ގާތް ގުޅުމެއް އުފެއްދުން ކަމަށެވެ.

"އެއީ ހަގީތުގައި ފުލުހުންގެ މަސައްކަތް ބިނާވާ އަސާސަކީ. ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ރައްޔިތުންގެ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކޮށްގެން ހިދުމަތް ވަރަށް ކައިރިން ދިނުން،" އޭނާ ވިދާޅުވި އެވެ.