ބާރު ސްޕީޑުގައި ދުއްވި ލަމްބަގިނީ ލަގްޒަރީ ކާރެއް ހުޅުމާލެ ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކާރު ދުއްވަން އިން ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓައިފި އެވެ.
އިއްޔެ ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ކާރު ފުށުން ޖެހިފައި އޮތް އިރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބަނޑިވެ، އެތަން ވެސް ވަނީ ވެއްޓިފަ އެވެ. އަދި އެކްސިޑެންޓުގައި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.
އެ ކާރު ސޯލާ ޕެނަލްގެ ހޮޅިދަނޑީގައި ޖެހި ފުރޮޅާލިއިރު، ކާރުގައި ދުއްވަން އިނީ ބ. ކަމަދޫ، މިޔްނިކް، ހަސަން ރިފާއު އާއި 13 އަހަރުގެ ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި އެއީ އޭނާގެ ފިރިހެން ދަރިފުޅެވެ.
ފުލުހުން ބުނީ ކާރުގައި ތިބި ރިފާއުއާއި ކުޑަކުއްޖާއަށް ޓްރީޓޮޕްގައި ފަރުވާ ދިނުމަށް މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.
އެ ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ރިފާއުގެ ޑްރައިވިން ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މި އެކްސިޑެންޓުގައި ރަތް ކުލައިގެ އެ ކާރަށް ވަރަށް ބޮޑަށް ގެއްލުންވެ، ފުނޑުފުނޑުވެފައިވާ ނަމަވެސް ކާރު ތެރެއިން މީހަކާއި ކުޑަ ފިރިހެން ކުއްޖަކު ނުކުމެ ހިނގާފައިދެ އެވެ.