އެކްސިޑެންޓުތަކުގައި ދާއިމީ އަނިޔާވާ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ލިބޭނެ ކަހަލަ ގޮތަކަށް އިންޝުއަރެންސެއް ލިބޭނެ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ގާނޫނަށް ބަދަލު ގެނައުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އިސްލާހެއް ހުށަހަޅުއްވައިފި އެވެ. 

ބިލުގެ ފަހު ބަސް ވިދާޅުވަމުން އޭނާ ވިދާޅުވީ ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން ވެހިކަލާއި ވެހިކަލް ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭ ކަމަށެެވެ. 

ކުޑޫ ވިދާޅުވީ އެއްގަމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން މިހާރު ހަމައެކަނި މަޖުބޫރުކޮށްފައި އޮންނަނީ ތާޑް ޕާޓީ އިންޝުއަރެންސް ކަމަށެވެ. އެކަމަކު އެކްސިޑެންޓެއްގެ ސަބަބުން ޖިސްމާނީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ގެއްލުމެއް ކުރިމަތިވާ ފަހަރުތަކުގައި އެފަދަ ގެއްލުމަަކަށް އެކަށޭނެ ބަދަލެއް އިންޝުއަރެންސްގެ ނިޒާމުން ހޯދޭނެ ގޮތެއް ނޯންނަ ކަމަށެވެ. 

މިހާރު ގާނޫނު އޮންނަ ގޮތުން ފަސިންޖަރުންނަށް ހިމާޔަތް ނުލިބޭ ކަމަށާއި ދުއްވަން އިންނަ ޑްރައިވަރަށް ލިބޭ އަނިޔާ ނޫނީ މަރުވުމުން އެ މީހުންނަށް ލިބޭނެ ބަދަލެއް ނުވަތަ ސިއްހީ ފަރުވާގެ ހަރަދުތަކަށް ލިބޭނެ ހިމާޔަތެއް ނޯންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ. 

"ތާޑް ޕާޓީ އިންޝުއަރެންސްގެ ތެެރެއަށް ލައިފް ލޯންގް އިންޖަރީ ނުވަތަ ދާއިމީ ޖިސްމާނީ ނުކުޅެދުންތެރިކަމަށް ނުވަތަ ދާއިމީ ބޭސް ކުރަން ކުރަން ލިބޭނެ ގެއްލުންތަކަށް ބަދަލު ލިބޭނެ ކޮންޕްރެހެންސިވް އިންޝުއަރެންސެއް ލިބޭނެ ގޮތެއް އޮތުން މުހިއްމު،" ކުޑޫ ވިދާޅުވި އެވެ. 

ކުޑޫ ވިދާޅުވީ އެ އިސްލާހު ހުށަހެޅުވުމުގެ ކުރިން އެކަމާ ގުޅޭ އިދާރާތަކާއި އެފަދަ ހާދިސާތަކުގައި ގެއްލުންވި އާއިލާތަކާ އެކު ޖޮއިންޓް ޕާލިމެންޓްރީ ހިއަރިންއެއް ބޭއްވުމަށް މަޖިލީހުގައި އެދިވަޑައިގަތް ނަމަވެސް އެ ފުރުސަތު ފަހިކޮށްދީފައި ނުވާ ކަމަށެވެ. 

އެ ބަހުސާ ގުޅިގެން ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، ތާޑް ޕާޓީ އިންޝުއަރެންސަކީ ވަރަށް ބޭސިކް އިންޝުއަރެންސެއް ކަމަށެވެ. ބްރިޖާ އެކު އެކްސިޑެންޓުތައް އިތުރުވެފައިވާކަން ފާހަގަކުރައްވާ ޝަމްހީދު ވިދާޅުވީ އެފަދަ އެކްސިޑެންޓުތަކުގައި ދާއިމީ ގެއްލުން ވަމުން އަންނަ ކަމަށާއި އެ އަނިޔާތަކަށް ފަރުވާ ހޯދުމަށް މިލިއަނުން ހަރަދުވަމުން އަންނަ ކަމަށެވެ. 

އެ ބަހުސްގައި ބައިވެރިވެވަޑައިގަތް ޕީއެންސީގެ މެމްބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. 

ބިލާ ގުޅިގެން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވީ ތާޑް ޕާޓީ އިންޝުއަރެންސް ނަގާތީ އެ ފައިސާ ދެއްކުމަށް ވެސް އެތައް ބަޔަކަށް އުނދަގޫވެފައިވަނިކޮށް އަނެއްކާ ކޮމްޕްރެހެންސިވް އިންޝުއަރެންސެއް ނެގުމަކީ ގިނަ ބަޔަކު ކުށެއްގައި ތާށިވާނެ ކަމެއް ކަމަށެވެ. 

"ދުނިޔޭގެ ކޮން ގައުމެއްގައިތޯ ކޮމްޕްރެހެންސިވް އިންޝުއަރެންސް ލާޒިމުކޮށްފައި އޮތީ. އަޅުގަނޑަކަށް މޮޓޯ އިންޝުއަރެންސް ދުނިޔޭގެ އެއްވެސް ގައުމެއްގައި ލާޒިމުކޮށްފައި އޮތްތަނެއް ނުފެނޭ އަޅުގަނޑު ކުރި ދިރާސާގައި،" 

ރިފާއު ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގައި ވެސް އޮންނަނީ ތާޑް ޕާޓީ އިންޝުއަރެންސް ލާޒިމުކޮށްފައި އޮންނަ މަންޒަރު ކަމަށެވެ. 

އޭނާ ވިދާޅުވީ ގާނޫނަކުން ލާޒިމުކޮށްގެން މިފަދަ ކަމެއް ކުރާއިރުގައި އޭގައި ހުރި ތަކްލީފުތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އަދި މި ބިލު ހުށަހަޅާފައި ވަނީ އިންޝުއަރެންސް ކުންފުނިތަކަށް ފައިސާ ހޯދައިދޭންތޯ އޭނާ ސުވާލު އުފެއްދެވި އެވެ. 

"އެހެންވީމަ ގަވާއިދުން ނޫނޭ މަދު ފަރުދަކު ކުރާ ކުށެއްގެ އަދަބު މުޅި ވެހިކަލް ދުއްވާ ކޮމިއުނިޓީއަށް ލިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަޖެހޭ އުސޫލެއް ނޫން،" 

ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ބިލު ޑިޒައިންކޮށްފައި އޮތީ ވަކި ބަޔަކަށް މަންފާ ކުރަން ކަމަށެވެ. މިއީ ރައްޔިތުން އަތުން ފައިސާ ނަގައިގެން އިންޝުއަރަންސް ކުންފުނިތައް މުއްސަނދިކޮށް ސިޔާސީ މަންފާ ހޯދަން ހުށަހަޅާފައިވާ ބިލެއް ކަމަށް ވިދާޅުވެ އެ ބިލަށް އޭނާ ވެސް ތާއީދެއް ނުކުރައްވަ އެވެ. 

އެ ބަހުސްގެ ތެރެއިން ވަނީ މެމްބަރު ޝަމްހީދުގެ ނަން އިއްވުމަށް ފަހު ތަޅުމުން ބޭރުކޮށްފަ އެވެ. 

އެ ބަހުސްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޒިޔާދު ވިދާޅުވީ ޕީއެންސީގެ މެމްބަރުން މަސައްކަތްކުރަނީ ބިލުގައި ހިމެނޭ ކަންކަން އޮޅުވާލުމަށް ކަމަށާއި އެ ބިލުގައި 1500ރ. ނެގުމަށް ހިމަނާފައިނުވާ ކަމަށެވެ.

އެ ބިލަކީ ކޮމެޓީ މަރުހަލާގައި ވެސް އިސްލާހުކުރެވޭނެ ބިލެއްކަން އޭނާ ފާހަގަކުރެއްވި އެވެ.