ތިއޮޑޯރާ ޑެލް ކާމަން ވަސްކުއޭޒް ދެ ވަނަ ދަރިފުޅަށް ބަލިވެ އިނދެ ދުވަސް ނުފުރެނީސް ކުއްލިއަކަށް ބަނޑަށް ތަދުވާން ފެށި އެވެ. އޭނާ އިމަޖެންސީ ސާވިސް އަށް ގުޅިތަނާ ފެންދުލި ފަޅައިގެން ދިޔަ އެވެ. އެއާ އެކު އޭނާއަށް ވިހެއުމުގެ ވޭންވަރު އައިސް ވިހެއީ އެވެ. އޭރު އޭނާ އޮތީ ހޭނެތިފަ އެވެ. އޭނާއަށް ހޭވެރިކަން ވީއިރު ވަރަށް ގަދަޔަށް ލޭ ފައިބަ އެވެ. ދަރިފުޅު އޮތީ މަރުވެފަ އެވެ.
ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުގެ ބަދަލުގައި ފުލުހުން އައިސް ތިއޮޑޯރާގެ އަތުގައި ބިޑިއަޅުވައި ހައްޔަރުކުރީ އެވެ. ދަރިފުޅު މަރާލުމުގެ ތުހުމަތުގަ އެވެ. ހޮސްޕިޓަލަށް ގެންގޮސް އޭނާއަށް ފަރުވާ ދިނީ ވެސް އޭގެ ފަހުންނެވެ.
މިހާރު ވެސް 11 އަހަރުގެ ދަރިފުޅެއް ހުރި ތިއޮޑޯރާއާ ދެކޮޅަށް ދައުވާކޮށް އޭނާ ކުށްވެރިވާ ކަމަށް ހުކުމް އިއްވި އެވެ. އޭނާ ޖަލަށް ލީ 30 އަހަރަށެވެ. ކުށަކީ ގަސްތުގައި ރާވައިގެން ކުއްޖަކު މަރާލުމެވެ.
މިހާރު ތިއޮޑޯރާ އަކީ "ލަސް 17" ކިޔާ ގްރޫޕެއްގެ މީހެކެވެ. މިއީ އަލްސަލްވަޑޯގައި 1999 އާއި 2001އާ ދެމެދު ޖަލަށް ހުކުމް ކޮށްފައިވާ ތިއޮޑޯރާ ކަހަލަ އަންހެނުންތަކެއް ހިމެނޭ ޖަމާއަތެކެވެ. މި އެންމެންނަކީ ވެސް އެކި މައްސަލަތައް ދިމާވެގެން ދަރިފުޅު ބައިގެން ދިއުން ނުވަތަ ބަނޑުތެރެއަށް މަރުވުން ފަދަ ކަންކަން ދިމާވެގެން ބޮޑު ހުކުމެއް އައިސް ޖަލުގައި ދުވަސްތައް ހޭދަކުރާ މީހުންނެވެ.
ތިއޮޑޯރާ ޖަލުގައި ހުންނަތާ 10 އަހަރު ވެއްޖެ އެވެ. ވަރަށް ފަހުން ވެސް އޭނާ ވަނީ އޭނާގެ ހުކުމް އިސްތިއުނާފުކުރަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ކޯޓުން ބުނީ ބާކީ އޮތް 20 އަހަރު ވެސް އޭނާ އަށް ހުންނަން ޖެހޭނީ ޖަލުގައި ކަމަށެވެ.
އެލްސަލްވަޑޯ އަކީ އެބޯޝަން މުޅިން މަނާ ކޮށްފައިވާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އެހެންކަމުން ބަލިވެ އިނދެ އެއްވެސް މައްސަލައެއް ދިމާވެގެން ޑޮކްޓަރަކަށް ދައްކައިފި ނަމަ އެއީ ގާނޫނާ ޚިލާފުވީ ކަމަށް ބަލަ އެވެ. އަދި ބައިގެން ދިއުމާއި ވިހާއިރު ކުއްޖާ މަރުވެފައި އޮތުމަކީ ބޮޑުު ކުށެކެވެ.
މިފަދަ މީހުންނާ ދޭތެރޭގައި ގަސްތުގައި ކުއްޖާ އެބޯޓްކޮށްލުމުގެ ތުހުމަތު ކުރެވެ އެވެ. އެލްސަލްވަޑޯގައި ކިތަންމެ ބޮޑު ނުރައްކަލެއް މައި މީހާއަށް އޮތަސް އަދި ކޮންމެ ފަދަ ހާލަތެއްގައި ބަލިވެ އިނަސް އެބޯޝަން އަކީ ބޮޑު ކުށެކެވެ. މީގެ ސަބަބުން އެ ގައުމުގެ އަންހެނުން ބަލިވެ އިނދެގެން ކޮންމެ ފަދަ މައްސަލައެއް ދިމާވިޔަސް ޑޮކްޓަރަށް ދައްކަން ޖެހިލުންވެ އެވެ. ނަތީޖާއެއްގެ ގޮތުން ބަލިވެ އިނުމާ ގުޅިގެން ދިމާވާ ސިއްހީ އެކި މައްސަލަތަކުގައި މަރުވާ އަންހެނުން ވެސް މި ގައުމުގައި ވަރަށް ގިނަ އެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް ކަރެން ޖަވޯސްކީ ދާދި ފަހުން ވަނީ އެލްސެލްވެޑޯގައި ހުންނަ އެންމެ ނުރައްކާތެރި ކުށްވެރިން ތިބޭ ޖަލަށް ޒިޔާރަތްކޮށް ތިއޮޑޯރާ އާއި އޭނާ ކަހަލަ ކުށެއް ނެތް އެހެން އަންހެނެއް ކަމަށްވާ މާރިއާ ތެރޭސާ ރިވޭރާއާ ބައްދަލުކޮށްފަ އެވެ.
ޖަލުގައި ތިއޮޑޯރާ އޮންނަ ގޮޅީގައި 70 އަންހެނުން ތިބެ އެވެ. މާރިއާ ތެރޭސާގެ ގޮޅީގައި 250 މީހުން ތިބެ އެވެ. ޓިނު ޖަހާފައިވާ ޖަލުގެ ގޮޅިތަކުގައި މީހުން ގިނަކަމުން ވާ ހޫނުން އެމީހުން ނިދަން ވެސް ތިބެނީ ބިންމަތީގައި ގުޅައަކަށެވެ.
ތިއޮޑޯރާ ބުނި ގޮތުގައި އޭނާ ފަގީރުކަމުން ރަނގަޅު ގާނޫނީ ވަކީލު ނުހޯދުނީ އެވެ. ތިރީސް އަހަރުގެ ޖަލު ހުކުމެއް އޭނާއަށް އައީ އެހެންވެ އެވެ. މާރިއާ ތެރޭސާ ޖަލަށް ލީ 40 އަހަރަށެވެ. އޭނާގެ ކުށަކީ ވެސް ބަލިވެ އިނދެ ބައިގެން ދިއުމެވެ. މި ދެ މީހުންގެ ވެސް ފިރިހެން ދަރިން އެބަ ތިއްބެވެ. ނަމަވެސް ދަރިން ފެނިލުމުގެ ނަސީބު އެ މީހުންނަށް ލިބެނީ ހާލަކުން ފަހަރަކު އެވެ.
ތިއޮޑޯރާގެ މައިންބަފައިން އޭނާއާ ބައްދަލުކުރަން ބޭނުންވެ އެވެ. ނަމަވެސް އެމީހުން ދިރިއުޅޭ ހިސާބުގެ ދުރުކަމާއި ފައިސާގެ ދަތިކަމާއި ޖަލުގެ ގަވާއިދުތައް ވަރުގަދަކަމުން އެންމެ ފަހުން ވެސް ދަރިފުޅާ ބައްދަލުވެވުނީ ޖޫން 2015 ގަ އެވެ. އެގޮތަށް ދަރިފުޅާ ބައްދަލުކުރަން ހުއްދަ ލިބޭ އިރު ވެސް މަނާ ކަންތައްތައް ވަރަށް ގިނަ އެވެ. ކާ އެއްޗެއް، އަންނައުނެއް، ފައިސާއެއް ނުވަތަ އެނޫން ވެސް އެތައް އެއްޗެއް ގެންދިއުން މަނަ އެވެ. ހަމައެކަނި ދަރިފުޅު ދެކެލާފައި ޖެހެނީ ދާށެވެ.
އެމްނެސްޓީގެ ކަރެންއާ ވާހަކަ ދައްކަމުން ގޮސް ތިއޮޑޯރާއަށް ރޮވުނެވެ. އެހެންވެ އޭނާގެ ލޯ ފޮހެލަން ކަރެން ޓިޝޫއެއް ދިނެވެ. އެކަމަކު އެ ޓިޝޫ ފަތްޖަހާލާފައި ރައްކާކުރީ އެވެ. އެއީ ވެސް ޖަލުގައި އަގުހުރި އެއްޗެކެވެ.
މިހާރު ތިއޮޑޯރާގެ މައްސަލަ އެމްނެސްޓީގެ ސަމާލުކަމަށް އައިސް އޭނާ ސަލާމަތް ކުރެވޭތޯ ވަނީ މަސައްކަތް ފަށައިފަ އެވެ. އެހެންކަމުން ސަލާމަތްވެވިދާނެ ކަމަށް އޭނާ ހުރީ އުއްމީދުކޮށްގެންނެވެ. އޭނާ ބުނި ގޮތުގައި ޖަލުގައި ހުރެގެން އޭނާ މިހާރު ކްލާސްތަކަށް ގޮސް ކިޔަވަ އެވެ. އަދި ޖަލުން ސަލާމަތް ވުމުން ޔުނިވަސިޓީ އަށް ވަދެ ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދުމަކީ ވެސް އުންމީދެކެވެ. ލޯބިވާ މައިންބަފައިންނާއި ދަރިފުޅާ އެކު އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެން އޭނާ ދެކެ އެވެ.