އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ އެކްޒެކެޓިވް ކޯޑިނޭޓަރު އަބްދުﷲ ޒުހައިރު (އަބުހަރީ) ގެ ގެއަށް ރޭ ދަންވަރު ބަޔަކު ގަލުން ހަމަލާ ދީ، ބައެއް ދޮރުތަކުގެ ބިއްލޫރިތައް ތަޅާލައިފި އެވެ.
ސ. ހިތަދޫ ގައި ގެސްޓް ހައުސްއެއް ހިންގާ އަދި ބޭސްފިހާރަތަކާއި ކްލިނިކެއް ހިންގާ ވިޔަފާރިވެރިޔާ ޒުހައިރު މިއަދު ވިދާޅުވީ ގެއަށް ބަޔަކު ހަމަލާ ދިނީ، ދަންވަރު އެކެއް ޖަހައި ބޮޑުވި ފަހުން ކަމަށެވެ.
"ވަރަށް ބާރަށް ގާ އުކުމުގެ ސަބަބުން ގޭގެ ކުރިމަތީ ދޮރުތަކުގެ ބިއްލޫރިތައް ތަޅައިގެން ގޮސް ގާތައް ގޭ ތެރޭގައި ހުރީ،" އޭނާ ވިދާޅުވި އެވެ.
"ނަސީބަކުން އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ."
ޒުހައިރު ވިދާޅުވި ގޮތުގައި އޭނާގެ ގެ އަށް ބަޔަކު ހަމަލާ ދިނީ ހިތަދޫ ސިޓީ ސްކެއާގައި ހުރި ދިދަ ދަނޑި ނެގުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ރޭ ކުރަމުން ދަނިކޮށް، އެ ސަރަހައްދަށް ބަޔަކު އެއްވެ، އޭނާއާ ޒާތީ ގޮތުން ވެސް ދިމާކޮށް، އިންޒާރުތަކެއް ދީފައި ވަނިކޮށެވެ.
"އެހެންވެ ވަރަށް ބޮޑަށް ތުހުމަތުކުރެވޭ އޭގެ ތެރެއިން ބަޔަކު ކަމަށް މިކަން ކުރީ. އެ މީހުންނާ ބެހޭ މައުލޫމާތާ އެކު، މި މައްސަލަ އަޅުގަނޑު ވާނީ މިހާރު ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައި،" ޒުހެއިރު ވިދާޅުވި އެވެ.
"އެ ގްރޫޕްގައި އިސްކޮށް ހުރީ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރެއް."
މީގެ ކުރިން ވެސް ބަޔަކު ވަނީ ޒުހެއިރުގެ ގޭގެ ބިއްލޫރިތައް ތަޅާލައިފަ އެވެ.
އޭނާ ވިދާޅުވީ ސިޓީ ސްކެއާގައި ހުރި ދިދަ ދަނޑި ނަގަން ނިންމީ އޭގެ ބުޑުގައި ހުރި ބޯލްޓްތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހައި، އެ ވެއްޓިދާނެ ކަމުގެ ބިރު ވެސް އޮތުމާ އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
"ތަންކޮޅެއް ކުރިން އޭގައި ދިދަ ނެގި ނަމަވެސް، ދަނޑީގެ ކޮޅުގައި ހުންނަ ބޯ ވެސް ހަލާކުވި ފަހުން އޭގައި ދިދަ ވެސް ނުނަގާތާ މިހާރު އަހަރުތަކެއް ވެއްޖެ. އެހެންވެ ހަގީގަތުގައި އެ ދިދަ ދަނޑިއަކީ އެއްވެސް ބޭނުމެއް ނެތް ގޮތަކަށް ސިޓީ ސްކެއާގައި ހުރި އެއްޗެއް،" ޒުހައިރު ވިދާޅުވި އެވެ.
"އަނެއްކާ ނުރައްކާތެރި ހާލަތެއްގައި އޭތި ހުރީ. ބޮޑަށް ލަފާކުރެވެނީ ބޯލްޓްތަކުގައި އެހާ ބޮޑަށް ދަބަރު ޖެހީ މޫދާ ކައިރި ހިސާބެއްގައި އޭތި ހުރީމަ ކަމަށް."
އޭނާ ވިދާޅުވީ ސިޓީ ސްކެއާގައި ފެންވަރު ރަނގަޅު ޕާކެއް ހެދުން ކަހަލަ ކަމަކަށް އެތަން ހަމަޖައްސައި ދޭން ބައެއް މީހުން އެދިފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެންގެ ޕްލޭނުގައި ވެސް ހުރީ އެ ލޮކޭޝަނަކީ ވެސް ހިތަދޫގެ މުހިއްމު ތަނަކަށް ވާތީ އެތަނުގައި އާންމުންނަށް ބޭނުންކުރެވޭނެ ކަހަލަ ފެންވަރު ރަނގަޅު ޕާކެއް ކަހަލަ ތަނެއް ތަރައްގީ ކުރަން،" ޒުހައިރު ވިދާޅުވި އެވެ.
ސިޓީ ސްކެއާގައި ބޮޑު ދިދަ ދަނޑިއެއް ބެހެއްޓީ 2011 ވަނަ އަހަރު އައްޑޫގައި ސާކް ސަމިޓް ބާއްވަން އެމްޑީޕީގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަސައްކަތްތަކުގަ އެވެ. އޭގައި ދިދަ ނަގަން އޭރު ހާއްސަ ރަސްމިއްޔާތެއް ވެސް ބޭއްވި އެވެ.
ނަމަވެސް ދުވަސްތަކެއް ފަހުން، އެ ދިދަ ދަނޑީގެ ބޭނުން ވަނީ ކެނޑިފަ އެވެ.