ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިންގެ ކުށުގައި ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު 28، 2019 ގައި ނިންމި ނިންމުމަކީ ނުފޫޒު ފޯރުވައިގެން ނިންމާފައިވާ ނިންމުމެއް ކަމަށް ފަނޑިޔާރަކު ވިދާޅުވިކަމަށް ބުނާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މައްސަލައެއްގައި ހުކުމް ކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ފަނޑިޔާރުން އެ މައްސަލައިގައި ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވި ކަމަށް ވިދާޅުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށް އެ ކޮމިޝަނުން މިއަދު ކުއްލި ޖަލްސާއެއް ބާއްވާފައިވާ ކަމަށެވެ.
މި ޖަލްސާގައި، މި މައްސަލަ ތަހުގީގު ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލި ކަމަށާއި، މިހާރު އެ ކޮމިޓީން މައްސަލައިގެ ތަހުގީގު ފަށާފައިިވާ ކަމަށް ޖޭއެސްސީން ބުންޏެވެ. އަދި މި މައްސަލައިގައި ހިމެނޭ ފަނޑިޔާރުންގެ ފަރާތުން މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
ޔާމީންގެމައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރެއް ކަމަށް ބުނާ ބައެއްގެ އޯޑިއޯތަކެއް އިއްޔެ ވަނީ ލީކުވެފަ އެވެ.
މި މައްސަލައިގައި ޖޭއެސްސީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތަކީ ވަކިން ހާއްސަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން ބަލާނެ މައްސަލައެއް ކަމަށެވެ.
މި އޯޑިއޯތަކުގައި ވަނީ ޔާމީންގެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފަ އެވެ.
ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވުމުންނެވެ.