ރާއްޖެ ދުށް އެންމެ މަތީ ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޑރ. އަފްރާޝީމް އަލީ އާއި ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ އަވަހާރަވެފައި ވިޔަސް، އެ ދެ އިލްމުވެރިންގެ ހަނދާންތައް، އެ ބޭފުޅުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ތެރެއިން، ސަރުކާރުން ރޭ އާކޮށްފި އެވެ.
ރާއްޖޭގެ އެވްރެޖް އުމުރަށް ބަލާއިރު ޒުވާން އުމުރުގައި ވަކިވެގެންދިޔަ ދެ އިލްމުވެރިންނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު އަރުވައިފަ އެވެ.
އޮކްޓޯބަރު 2، 2012 ގައި ޑރ. އަފްރާާޝީމް، 46، އަވަހާރަކޮށްލީ ވަރަށް އަނިޔާވެރި ހަމަލާތަކެއްގަ އެވެ. އޭނާއަށް ހަމަލާދިނީ، ޓީވީއެމުން ދެއްކި ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު، ގެއަށް ވަންނަވަނިކޮށެވެ.
އިލްމުވެރިކަމުގެ އިތުރުން ޑރ. އަފްރާޝީމަކީ ރީތިކޮށް ގުރްއާން ކިޔަވާވިދާޅުވި ބޭފުޅެކެވެ. މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. ދީނީ އިލްމު ފެތުރުއްވުމަށް ވަރަށް އިސްކަން ދެއްވި އެވެ. އެކަމުގައި ގިނަ ވަގުތު ހޭދަކުރެއްވި އެވެ.
ރައީސް އޮފީހުން ބުނީ ޝަރަފުވެރިކަމުގެ އިނާމް އަފްރާޝީމާއި މަޖީދުގެ ހަނދާނުގައި އެރުވީ އެ ބޭފުޅުންގެ ހިދުމަތްތައް މިހާތަނަށް ވެސް ގައުމީ ފެންވަރެއްގައި ބަލައިގެންފައި ނުވާތީ ކަމަށެވެ. އެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު ގައުމީ ފެންވަރުގައި ވަޒަންކޮށް ބަލައިގަތުން ހައްގު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަވަދިނެތި އުޅުއްވީ ޚިދުމަތުގައި
އަފްރާޝީމަށް އެރުވި ޝަރަފްވެރިކަމުގެ އިނާމާ ހަވާލުވެވަޑައިގެންނެވީ އޭނާގެ ބޭބެ، އަބްދުއްނާސިރު އަލީ އެވެ.
ނާސިރު "މިހާރު" އަށް ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލިތާ އަހަރުތަކެއް ފަހުން ވެސް މިފަދަ ޝަރަފެއް ލިބުމަކީ މުޅި އާއިލާއަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އެކަމަކު ދުވަހަކު ވެސް އެފަދަ އިނާމެއް ހޯއްދެވުމުގެ އުއްމީދެއް އަފްރާޝީމް ފާޅުކުރައްވާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަބަދުވެސް ވަރަށް އާދައިގެ ގޮތަށް އުޅުއްވަން ބޭނުންފުޅުވީ. ނަމަވެސް ވަރަށް އަވަދިނެތި ހިދުމަތުގައި އުޅުއްވި. އެކަމުގެ އަގުވަޒަން ކުރެއްވި ކަމަށްޓަކައި އުފާކުރަން،" އުނގޫފާރު ކައުންސިލްގެ ރައީސްކަން ވެސް ކުރައްވާ ނާސިރު ވިދާޅުވި އެވެ.
"އަރްފާޝީމް ދުނިޔޭގައި ހުންނެވި ނަމަ ވަރަށް އުފާފުޅު ވާނެ."
ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދަން ސަރުކާރުން މަސައްކަތް ކުރުމަކީ ވެސް އުފަލެއް ކަމަށް ނާސިރު ވިދާޅުވި އެވެ. ނަމަވެސް އަފްރާޝީމް މަރުގެ ހަގީގަތް މި ދުނިޔެ މަތީގައި އެނގޭނެ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
ފިގުހު، އަދި އުސޫލުލް ފިގުހުގެ ރޮނގުން އަފްރާޝީމް ޕީއެޗު.ޑީ ހާސިލްކުރެއްވީ 2007 ގައި މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީންނެވެ. އެއަށް ފަހު ރާއްޖެ ވަޑައިގެން ދީނީ އިލްމު ފޯރުކޮށްދެއްވަން ބުރަކޮށް މަސައްކަތް ކުރެއްވި އެވެ. ޔުނިވާސިޓީތަކުގައި ލެކްޗަރާއެއްގެ ގޮތުން އުޅުއްވި އެވެ. ޓީވީ ޕްރޮގްރާމްތައް ހުށަހެޅުއްވި އެވެ. އަދި ސިޔާސީ މައިދާނަށް ނުކުންނަވައި އުނގޫފާރު ދާއިރާގެ މެމްބަރުކަން ކުރެއްވި އެވެ. އަވަހާރަ ކޮށްލިއިރު ވެސް ހުންނެވީ އެ މަގާމުގަ އެވެ.
މަދީނާ ޔުނިވަސިޓީން ޕީއެޗު.ޑީ ހެއްދެވި ހަމައެކަނި ދިވެހި އިލްމުވެރިޔާ
މިދިޔަ އަހަރު ޑރ. މަޖީދު، 55، އަވަހާރަވީ ސްރީ ލަންކާގެ ހޮސްޕިޓަލެއްގައި ފަރުވާދެމުން ދަނިކޮށެވެ.
އޭނާގެ ވަކިވުމަކީ ވެސް ދީނީ އިލްމުގެ ރޮނގުން ބަލާ ނަމަ ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށް، ބައެއް މީހުން ގަބޫލުކުރެ އެވެ.
މަޖީދަކީ ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އަދާލަތު ޕާޓީ 2005 ގައި އުފެއްދިއިރު މަޖީދު ހުންނެވީ އެ ޕާޓީގެ ރައީސަކަށެވެ. އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި އެވެ. އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނުން ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް މިނިސްޓްރީގެ މިނިސްޓަރުކަން ވެސް ކުރެއްވީ ޑރ. މަޖީދެވެ.
މަޖީދު ފާހަގަކުރެވެނީ މަދީނާ ޔުނިވާސިޓީން މިހާތަނަށް ޕީއެޗް.ޑީ ހާސިލުކުރެއްވި ހަމައެކަނި ދިވެހި އިލްމުވެރިޔާގެ ގޮތުގަ އެވެ. އޭނާ ލިޔުއްވި ތީސީސް، ސައޫދީ އަރަބިއްޔާގައި ވަނީ ތިން ފަހަރެއްގެ މަތިން ޗާޕުކޮށްފަ އެވެ. އެ ފޮތް ލައިބްރަރީތަކުގަޔާއި، ތައުލީމީ އެކި މަރުކަޒުތަކުގައި ބޭނުންކުރެ އެވެ.
އަވަހާރަވި އިރު ވެސް މަޖީދު ގެންދެވީ ރާއްޖޭގެ ޔުނިވަސިޓީތަކުގައި ކިޔަވާދެއްވަމުންނެވެ. ދިވެހި ބަހުން ވެސް ފޮތްތައް ލިޔުއްވި އެވެ.
ޝަރަފުވެރިކަމުގެ އިނާމާ ހަވާލުވެވަޑައިގަތީ ދަރިކަލުން މުއާޒް އަބްދުލް މަޖީދެވެ.