ދައުލަތް ބޮއްުސުންލާފައިވާ މިންވަރު އިތުރަށް ސާފުވެ ވަޑައިގެންފި ކަމަށާއި އެކަންކަން ހައްލު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ހޮނިިހިރު ދުވަހު އުފެއްދި އާ ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކަންކަން އިސްލާހު ކުރަން ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެވަޑައިގަންނަވާނެ ކަމަށެވެ.

"ދައުލަތުގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަށާއި ދެ ފުށް ފެންނަ ތަހުޒީބީ އުސޫލަކުން ކަންކަން ހިންގުމަށާއި ރައީސްގެ އެޖެންޑާ ކާމިޔާބު ކުރެއްވުމަށް ކޮންމެ ގޮންޖެހުމަކާ ވެސް ކުރިމަތިލާނަން. އިންޝާﷲ،" މިދިޔަ ސަރުކާރުގައި ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަކުރެއްވި އިމްރާން ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން ވަނީ މިއަހަރުގެ މޭމަހު އަވަހާރަވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ މަތިން ވަރަށް ހަނދުމަފުޅުވާ ކަމަށް ވިދާޅުވެ އިތުރު ޓްވީޓެއް ކުރައްވާފަ އެވެ.

"ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް މިސްވަނީ އަޅުގަނޑުގެ އަޚް، އަދި މެންޓޯ އަލްމަހުރޫމް ޑރ. އަބްދުލް މަޖީދު އަބްދުލްބާރީގެ ހެޔޮ ލަފާފުޅާއި ނަސޭހަތްޕުޅާއި އިރުޝާދު." އިމްރާންގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މަޖީދު ނެތުމުގެ ގެއްލުން ދުވަހަކު ވެސް ފޫނުބެއްދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

މިދިޔަ މޭ 22 ވަނަ ދުވަހު ޑރ. މަޖީދު އަވަހާރަވީ ސްރީލަންކާގައި އުޅުއްވަނިކޮށް ސްޓޯކެއް ޖެހި ކޯމާގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ފަހު ދުވަހާ ހަމައަށް ވެސް މިހާރު ސަރުކާރު ހިންގާ ކޯލިޝަނާއެކު އޭރުގެ ސަރުކާރު ހަމަމަގަށް އެޅުވުމުގެ މަސައްކަތް ކުރެއްވި އެވެ.