މާލޭގައި ހުންނަ އިންޑިއާ އެމްބަސީ ކައިރިއަށް އެއްވާނެ ކަމުގެ އިންޒާރު މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ދެއްވުމުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު އެކަމާ ދެކޮޅު ހައްދަވައިފި އެވެ.

ޕީޕީއެމުން މިދިޔަ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި، ދިއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ލަތީފް ވިދާޅުވީ އިންޑިއާ އިން ދިވެހިންގެ އަތުގައި ހުރި ހުރިހާ އެއްޗެއް އަތުލައިފި ކަމަށެވެ. އިންޑިއާގެ އާބާދީ ބޮޑު ނަމަވެސް ޖެހިލުން ނުވާ ކަމަށް ވިދާޅުވެ އޭނާ ވަނީ އިންޑިއާ އެމްބަސީ ކައިރިއަށް އެއްވާނެ ކަމުގެ އިންޒާރު ދީފަ އެވެ.

އެ ހަބަރު ޓްވީޓް ކުރައްވައި ހޯމަ ދުވަހު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަށްޓެރި ގައުމުތަކާ އެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށް ސިޔާސީ ޕާޓީއެއްގެ ހައިސިިއްޔަތުން އެ ބޭފުޅުން ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުތައް ބިނާކުރަނީ އަޅުގަނޑުމެންގެ ރައްޔިތުންނަށް. އަޅުގަނޑުމެންނަކީ ޕްރޮގްރެސިވް ބައެއް. އަދި އަޅުގަނޑުމެން މި އަންނަނީ ކުރީގެ ތަޖުރިބާތަކުން ފިލާވަޅުތައް ދަސްކުރަމުން،" މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ގޯހެވެ. މިސަރުކާރު އައުމާއެކު އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.