މޯލްޑިވިއަނުން އެއާބަސް އޭ 330 މަރުކާގެ ބޯޓެއް އަންނަ ޖެނުއަރީ މަހު ރާއްޖެ ގެންނަން ނިންމައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ ސަރުކާރުގެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް މިއަދު ވިދާޅުވީ މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓުގައި ގިނަވެގެން 335 ފަސިންޖަރުން އުފުލޭނެ ކަމަށެވެ.

"މި ބޯޓު މިގެންނަނީ އަންނަ ޓޫރިސްޓް ސީޒަންގައި ޓޫރިސްޓުން އުފުލުން އިތުރުކުރަން. އެގޮތުން ޗައިނާގެ ޗެންޑޫ އަށާއި ސައުތު އެފްރިކާއަށް ދަތުރުކުރާނެ،" އޭނާ ވިދާޅުވި އެވެ.

ދިގު ދަތުރުތަކަށް ހާއްސަ ބޯޓެއް ގެންނައިރު އެ ކުންފުނިން ވަނީ އެ ބޯޓަށް ބޭނުންވާ ކެޕްޓަނުންނާއި ފަސްޓް އޮފިސަރުންނާއި ކެބިން ކްރޫން ހޯދަން އިއުލާންކޮށްފަ އެވެ. އެ މަގާމުތަކަށް ޝައުގުވެރިވާ މީހުން އަންނަ މަހުގެ 13ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

"މި ބޯޓަށް ބޭނުންވާ މީހުން ހޯދަން ތަންކޮޅެއް ލަސް ވެސް ވެއްޖެ. އެކަމަކު އަޅުގަނޑުމެން ނަގާ މީހުންނަށް ތަމްރީނުދީ ރޭޓިން ޖަހައިދޭން ވެސް އެހީތެރިވާނެ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަނުން މިހާރު ވެސް ޗައިނާގެ ޗެންޑޫގެ އިތުރުން ފަސް ސިޓީއަކަށް ހަފުތާގެ ކޮންމެ ދުވަހަކު ދަތުރުކުރެ އެވެ. އަދި ތައިލެންޑްގެ ބެންކޮކަށާއި އިންޑިއާގެ ޗެންނާއި ޑްރިވެންޑްރަމްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާއަށް ވެސް ދަތުރުކުރެ އެވެ.

އެ ކުންފުނިން ރާއްޖެއިން ބޭރަށްކުރާ ދަތުރުތަކުގައި މިހާރު ބޭނުންކުރަނީ 200 މީހުންގެ ޖާގައިގެ އޭ 321 މަރުކާގެ އެއް ބޯޓާއި 152 މީހުންގެ ޖާގައިގެ އޭ 320 މަރުކާގެ ބޯޓެކެވެ.