ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ފާޑުކިޔުންތަކާއި ތުހުމަތުތައް އަމާޒުކުރައްވާފައިވާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަޅީގައި ހުންނެވި އައްބާސް އާދިލް ރިޒާ އަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވަޒީފާ ހަމަޖައްސައިދީފި އެވެ.
ޔާމީންގެ ވެރިކަމުގައި ވެސް މެލޭޝިއާ އެމްބަސީގައި ހުންނެވި އައްބާސް ހަމަޖައްސާފައިވަނީ މެލޭޝިއާ އެމްބަސީގެ އިސްމަގާމަކަށް ކަން "މިހާރު"އަށް ވަނީ އެނގިފަ އެވެ. އޭނާ މިހާރު ވަނީ ވަޒީފާއަށް ނިކުންނަވަން ފައްޓަވައި، ފުރުމުގެ ކުރިން އޮންނަ އޮރިއެންޓޭޝަންތަކުގައި ވެސް ބައިވެރިވެ ވަޑައިގަންނަވަން ފައްޓަވައިފަ އެވެ.
އައްބާސް އާދިލް ރިޒާއަކީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާ އެކު ޔާމީނާއެކު ޕީޕީއެމް ތެރެއިން ރައީސާއި ސަރުކާރާ ދެކޮޅަށް ނިކުމެވަޑައިގަތް މަދު ބޭފުޅުންގެ ތެރެއިން އެކަކެވެ. ޔާމީން ރައީސްކަން ކުރެއްވި ޕީޕީއެމްގެ ހިންގުން ވެސް އޭރު ހަވާލުކޮށްފައި ވަނީ އައްބާސްގެ އިތުރުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާ އެވެ.
އެ ދުވަސްވަރު ސިލްސިލާކޮށް ބޭއްވި ޕީޕީއެމްގެ ޔާމީން ފަޅީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އައްބާސް ވަނީ ރައީސަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ބޮޑެތި ތުހުމަތުތައް އަމާޒުކުރައްވައިފަ އެވެ. ނަމަވެސް، ޔާމީން އިސްވެ ޕީއެންއެފް އުފައްދަވަން މަސައްކަތް ފެއްޓެވި ތަނާ އެ ޕާޓީގެ މަސައްކަތްތަކުން އޭނާ ވަނީ ގެއްލިފަ އެވެ.
މި މަގާމަށް އޭނާ އައްޔަންކޮށްފައިވާއިރު، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަންގައި ހުޅުން ޖަހަން ގޮވާލި ކަމުގެ ތުހުމަތުގައި ބާއްވަން އުޅުނު ޝަރީއަތްތަކަށް ހާޒިރުނުވާތީ، އައްބާސް ހޯދަން ވެސް ފުލުހުން އިއުލާނު ވެސް ކޮށްފައި ވެ އެވެ. އަދި އޭނާ އަކީ، ބޭއަދަބީކޮށް ސޯޝަލް މީޑިއާގައި އެކި މީހުންނަށް ފާޑު ވިދާޅުވެގެން އާންމުންގެ ނުރުހުން ވެސް ވަރަށް ބޮޑަށް ލިބިފައިވާ ބޭފުޅެކެވެ.
އޭނާ ކޯޓަށް ހާޒިރުނުވެ ފިލައިގެން އުޅުމުގެ ސަބަބުން އެ ޝަރީއަތްތައް އޭރު ކުރިއަށް ގޮސްފައެއް ވެސް ނުވެ އެވެ. އޭނާ ރާއްޖެ ވަޑައިގަތް ފަހުން އެ މައްސަލައިގެ ޝަރީއަތްތައް ކުރިއަށް ދިޔަ ކަމެއް ސާފެއް ނޫނެވެ.
އައްބާސްގެ މައްޗަށް ފަނާކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ދައުވާ ދައުލަތުން ކުރީ އިންޑިއާ ހައި ކޮމިޝަންގައި ހުޅުވަން ހިތްވަރު ލިބޭ ގޮތަށް ޓްވީޓް ކުރެއްވުމާއި މާލޭގެ ބައެއް ތަންތަނުގައި ހަމަނުޖެހުން ހިންގަން ކްލަބް ހައުސްގައި ހިތްވަރު ދެއްވި ކަމަށް ބުނެ އެވެ.
އެ މައްސަލާގައި އައްބާސް ކުރިން ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.