ކްލަބް ހައުސްގައި ދެއްކި ވާހަކައެއްގައި އެކި ތަންތަނުގައި ހުޅުޖަހަން ގޮވުމާއި އިންޑިއާ އެމްބަސީގައި ރޯކޮށްލަން ގޮވާލައި ޓްވީޓުކުރި މައްސަލައިގައި އައްބާސް އާދިލް ރިޒާގެ މަައްޗަށް، ފަނާކޮށްފާނެ ކަމުގެ ބިރު ދެއްކުމުގެ ދައުވާ ދައުލަތުން އުފުލައިފި އެވެ.

މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އިސް މަގާމެއް ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އާއި މި ވެރިކަމުގެ ކުރީކޮޅު ފުރުއްވި އައްބާސް މިދިޔަ ޑިސެމްބަރު 25 ގައި ހައްޔަރުކުރީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުގައި ހުޅުޖަހަން ޓްވީޓު ކުރި ފަހުންނެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ފަނާކޮށްފާނެކަމުގެ ބިރުދެއްކުމުގެ ދައުވާ އެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

ޑިސެމްބަރު 22، 2022 ގައި ކްލަބްހައުސްގައި ވާހަކަ ދައްކަމުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ މަނީލޯންޑަރިންގެ މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ގޮތާ މެދު ހިތްހަމަ ނުޖެހިގެން އައްބާސް ވަނީ ޕެޓްރޯލާއި ވާބުރި ފަދަ ތަކެތި ހޯދައި މާލޭގެ އެކި ތަންތަނުގައި ހުޅުޖަހައި، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދީފައި ކަމަށް ދައުވާގައިވެ އެވެ.

އޭގެ އިތުރުން ޖެހިގެން އައި ދުވަހު އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނަށް ނިސްބަތްކޮށް އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް ގޮވާލާ ޓްވީޓްކޮށްފައިވާ ކަމަށް ވެސް އެ ދައުވާގައިވެ އެވެ.

އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި ޓްވީޓަށް ފަހު އައްބާސް ހައްޔަރުކޮށް، ދެ ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލީ މިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާ ކުރި ޓްވީޓްގެ މައްސަލަ ހޫނުވުމުން އޭނާ ބުނެފައިވަނީ އޭނާ ޓްވިޓާ ބޭނުން ނުކުރާ ކަމަށާއި އެއީ އޭނާގެ ޓްވީޓެއް ނޫން ކަމަށެވެ. އެކަމަކު ކޯޓު އަމުރަކަށް ފުލުހުން އައްބާސް ހައްޔަރުކޮށް އޭނާގެ ފޯނު އަތުލައިގެން ބެލި ބެލުމުން އެއީ އައްބާސް ބޭނުންކުރާ އެކައުންޓެއް ކަމަށް ކަށަވަރުވެފައިވާ ކަމަށް އެނގިފައިވެ އެވެ.