އިންޑިއާގެ އަމްރިތާ ހޮސްޕިޓަލާ އެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ ހޮސްޕިޓަލަށް ބަލި މީހުން ފޮނުވުން މެދުކަނޑާލައިފި އެވެ. 

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ "މިހާރު" އަށް މިއަދު ވިދާޅުވީ ކޮޗިންގައި ހުންނަ ހޮސްޕިޓަލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އާ ކޭސްތަކުގައި ހިމެނޭ މީހުން އެ ހޮސްޕިޓަލަށް ނުފޮނުވާ ކަމަށެވެ. އެހެންވެ، އެއްބަސްވުމުގައި ސޮއިކުރުމަށް މުރާޖައާ ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އެ ހޮސްޕިޓަލުން މިހާރު ވެސް ފަރުވާ ހޯދާ މީހުންނަށް ކުރިއެކޭ އެއްގޮތަށް ފަރުވާ ލިބޭނެ ކަމަށް ޒީނިޔާ ވިދާޅުވި އެވެ.

"އާ ކޭސްތައް ފޮނުވުން މި މަޑު ޖައްސާލީ." އޭނާ ވިދާޅުވި އެވެ. 

އަމްރިތާ ހޮސްޕިޓަލާ އެކު ކުރިން އެއްބަސްވުން ހަދާފައި އޮތީ ކޮންމެ ޕްރޮސީޖާއަކަށް ވަކިން ބިލްކުރާ ގޮތަށެވެ. ނަމަވެސް، މިހާރު މަސައްކަތް ކުރަނީ ޒީނިޔާ ވިދާޅުވި ގޮތުގައި ޕެކޭޖު ހަދައިގެން ފަރުވާ ދިނުމަށެވެ. 

އެއްބަސްވުން މުރާޖައާކޮށް، އެއްބަސްވުމުގައި ސޮއިކުރެވޭނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.