ބޮކްސްއޮފީހުގައި ފްލޮޕްވި ބޮލީވުޑްގެ ފިލްމު "ކުއްތޭ"، ނެޓްފްލިކްސްގައި ޕްރިމިއާ ކުރަން ނިންމައިފި އެވެ.

ނެޓްފްލިކްސް އިންޑިއާއިން އިއްޔެ ޝެއާކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ވާގޮތުން، އެ ފިލްމު ނެޓްފްލިކްސްގައި ޕްރިމިއާ ކުރަން ހަމަޖެހިފައި ވަނީ މި މަހު 16 ވަނަ ދުވަހު އެވެ.

ބޮލީވުޑްގެ މަގްބޫލު ވަރަށް ގިނަ ކާސްޓުންނާ އެކު މިދިޔަ ޖެނުއަރީ މަހު 13 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި، އެ ފިލްމަށް، ބޮކްސް އޮފީހުގައި މިހާތަނަށް ލިބުނީ އެންމެ 489،500 އެމެރިކާ ޑޮލަރެވެ.

އަރްޖުން ކަޕޫރާއި، ތާބޫ އާއި، ރާދިކާ މަންދަން އަދި ނަސީރުއްދީން ޝާހު ފަދަ އެކްޓަރުން ކުޅެފައިވާ އެ ފިލަމަކީ މަޝްހޫރު ފިލްމްމޭކާ ވިޝާލް ބަހާރަދްވާޖްގެ ދަރި، އާސްމާން ބަހާރަދްވާޖް ފުރަތަމަ ފަހަރަށް ޑައިރެކްޓު ކުރި ފީޗާ ފިލްމެވެ.

އެ ފިލްމަށް އޯޑިއަންސްގެ މާބޮޑު ތަރުހީބެއް ނުލިބޭ އިރު، ބައެއް މީހުން ވަނީ، މި ފިލްމުން ރަނގަޅުކުރަންވީ ކަންކަން ދަސްކޮށް އާސްމާންގެ ދެވަނަ ފިލްމެއް، މިއަށް ވުރެއް ފުރިހަމައަށް ނެރުމަށް ނަސޭހަތްދީފަ އެވެ.