އިންޑިއާގައި މިހާތަނަށް ހެދި އެންމެ އަގުބޮޑު ފިލްމު "2.0" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމަކީ ސައުތު ފިލްމު އިންޑަސްޓްރީގެ ސުޕަސްޓާ ރަޖްނީކާންތާއި ހުނަރުވެރި ޑައިރެކްޓަރު ޝަންކަރު 2010 ގައި ގެނެސްދިން ސައިންސް ފިކްޝަން ފިލްމު "ރޮބޮޓް" ގެ ދެވަނަ ބައެވެ. ގިނަ ބަޔަކު "2.0" ގެ ޓްރެއިލާ އަށް އިންތިޒާރު ކުރަމުން އަންނަނިކޮށް، ދައްކައިލި ރަސްމީ ޓްރެއިލާގެ ބޮޑުބައި އޮތީ ވީއެފްއެކްސް (ސްޕެޝަލް އިފެކްޓްސް) އިން ފުރާލައިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމަށް ބޮޑު ހަރަދެއް ހޭދަވީ ވެސް، ވީއެފްއެކްސް ވަރުގަދަ ކުރަން ހަދައިގެންނެވެ. "2.0" އަކީ 543 ކްރޯޑް ރުޕީސް (75 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.

މި ފިލްމަށް ހިންދީ އޯޑިއަންސް މި ފަހަރު އިންތިޒާރު ކުރާ އެއް ސަބަބަކީ ފިލްމުގެ ވަރަށް ތަފާތު އަދި ވަރުގަދަ ރޯލަކުން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ފެނިގެން ދާނެތީ އެވެ. އޭނާއަކީ "2.0" ގެ ވިލަން އެވެ. މީގެ މައިގަނޑު ވާހަކަ އެނބުރޭނީ ރަޖްނީކާންތުގެ ކެރެކްޓާ އާއި އަކްޝޭގެ ކެރެކްޓާގެ މައްޗަށް ކަމަށް ގަބޫލު ކުރެ އެވެ.

ހިންދީ އޯޑިއަންސަށް ފިލްމު ގެނެސް ދިނުމުގެ ޒިންމާއާ ހަވާލުވެފައި ވަނީ ސައުތުގެ އެންމެ ވަރުގަދަ އެއް ފިލްމު ކަމަށްވާ "ބާހްބަލީ" ގެ ހިންދީ ވާޝަން ވެސް ގެނެސް ދިން ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަނެވެ.

މި ފަހަރުގައި ރަޖްނީކާންތާ އެކު ފިލްމުން ބަތަލާގެ ރޯލުން ފެނިގެން ދާނީ އެމީ ޖެކްސަން އެވެ. "ރޮބޮޓް" ގައި ބަތަލާގެ ރޯލް ކުޅުނީ އައިޝްވާރިޔާ ރާއީ އެވެ. އަދި މި ފަހަރު ވެސް ފިލްމުގެ ހާއްސަ ފެނިލުމަކުން އޭނާ ފެންނާނެ އެވެ.

އަހަރުގެ އެންމެ އުންމީދީ ފިލްމުތަޖުގެ ތެރޭގައި ހިމެނޭ 2.0" ސިނަމާތަކަށް އަންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.