އުމުރުން 16 އަހަރުގެ ދޮށީ ފިރިހެން ދަރިފުޅު އާރަވް ބާޓިއާގެ ހުރިހާ ފޯކަސްއެއް ހުރީ ކިޔަވަން ކަމަށާއި އޭނާ ބޮލީވުޑަށް ނުކުންނާތޯ ބުނަން ވަރަށް ދަތި ކަމަށް ބައްޕަ އަކްޝޭ ކުމާރް ބުނެފި އެވެ.

އަކްޝޭ ފަދައިން މާޝަލް އާޓްސް އަށް ވެސް ހާއްސަ ޝައުގުވެރި ކަމެއް ހުންނަ އާރަވްގެ އިތުރުން އަކްޝޭ އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާގެ އަންހެން ދަރިއަކު ވެސް އެބަ ހުއްޓެވެ. އެއީ ހަ އަހަރުގެ ނިތާރާ ކުމާރް އެވެ.

ޑީއެންއޭ އަށް ދިން އިންޓަވިއުގައި އަކްޝޭ ބުނީ އެކްޓިން އަށް ޝައުގުވެރިކަން ހުރެގެން އާރަވް މިހާތަނަށް އެފަދަ ވާހަކައެއް ނުދައްކާ ކަމަށެވެ.

އޭނާ ބުނީ އާރަވް ކިޔަވައިގެން މޮޅު މީހަކަށް ވާން ވަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި އޭނާ ޔުނިވަސިޓީ ތައުލީމު ފަށަންވުމުން އިނގިރޭސިވިލާތަށް ފޮނުވާނެ ކަމަށް އަކްޝޭ ބުންޏެވެ.

"އާރަވް ދާނެ ޔުނިވަސިޓީއެއް ވެސް މިހާރު އަހަރެމެން ހޮވައިފިން،" އޭނާ ބުންޏެވެ. "އޭނާ ވަކި ކެރިއާއަކަށް ދިއުމާ ހަމައަށް އަހަރެމެން ވަރަށް ހިތްވަރު ދޭނަން ވީހާ ވެސް މައްޗަކަށް ކިޔަވަން."

ފަންސާސް އަހަރުގެ އެކްޓަރު ބުނި ގޮތުގައި މައިންބަފައިން ވަކި ދާއިރާއެއްގައި މަސައްކަތް ކުރުމަކީ ދަރިން ވެސް ހަމަ އެ މަގުން ހިނގަން ޖެހޭ ސަބަބެއް ނޫނެވެ.

"އަނެއްކޮޅުން ޒަމާން މިހާރު ވަރަށް ބޮޑަށް ބަދަލުވެއްޖެ. މިހާރުގެ މައިންބަފައިންނަކީ ދަރިން ވަކި ދާއިރާއަކުން ކުރިއަށް ދާން މަޖުބޫރު ކުރާ ބައެއް ވެސް ނޫން. އަހަންނާއި ޓްވިންކަލްއަކީ ވެސް ވަރަށް އޯޕަން މައިންޑެޑް ދެ މީހުން. އެހެންވީމާ ދަރިން ހިޔާރު ކުރާ ދާއިރާއަކުން ކުރިއަށް ދާން އަހަރެމެން ހިތްވަރު ދޭނަން،" ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި އޭނާއަކީ ޅަ އުމުރުގައި ކިޔެވުމަށް ވުރެ ބޮޑަށް ކުޅިވަރަށް ލޯބި ކުރި މީހެކެވެ. އަދި އެ ފުރުސަތު އާއިލާ އިން ތަނަވަސްކޮށް ދިން ކަމަށް ބުންޏެވެ.

"އެއީ އަހްނަނަށް ދަސްވެފައި ހުރި ގޮތަކީ. އެހެންވީމާ އަހަރެންގެ ދަރިން ވެސް ވަކި ދާއިރާއަކުން ދާކަށް އެއްވެސް އިރެއްގައި މަޖުބޫރު ކަމެއް ނޯންނާނެ." އަކްޝޭ ބުންޏެވެ.