މި މަހުގެ މިހާތަނަށް ރާއްޖެ އަށް ކުރި ވިއްސާރައިގައި 84 ގެއަކަށް ގެއްލުން ވެފައިވާ ކަމަށާއި އެ ގެތަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.
މި މަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށަށް އުދަ އަރައި، ބައެއް ރަށްރަށުގައި ފެންބޮޑު ވި އެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގެ ސަބަބުން ގެއްލުން ވެގެން ރާއްޖޭގެ އެކި ހިސާބުތަކުން ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ގެއްލުން ލިބިގެން އެ އޮތޯރިޓީ އަށް ރިޕޯޓް ކޮށްފައިވަނީ:
- ޅ. ކުރެންދޫގެ 66 ގެ.
- އއ. އުކުޅަހުގެ 15 ގެ.
- އއ. ފެރިދޫގެ 1 ގެ.
- ސ. ފޭދޫގެ ދެ ގެ.
އެންޑީއެމްއޭ އިން ބުނީ އެ ގެތަކަށް ލިބުނު ގެއްލުން ބަލާފައިވާ ކަމަށެވެ. އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.
މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ފ. އަތޮޅަށް މެޓުން ވަނީ ވައިޓް އެލާޓު ނެރެފަ އެވެ.