އަމިއްލަ ގޮތުން ރަށު ކައުންސިލަށް އިންތިހާބުވެފައި ތިއްބެވި އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެންބަރުން މިއަދު އެމްޑީޕީއަށް ސޮއިކޮށްފި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ޝާހް މިއަދު "މިހާރު" އަށް ވިދާޅުވީ އެ ކައުންސިލްގެ ފަސް މެންބަރުން އެމްޑީޕީއަށް ސޮއިކުރީ މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް މި ސަރުކާރު ދެމެހެއްޓުމުގެ ނިޔަތުގައި ކަމަށެވެ.

"މީގެ ކުރިން އަޅުގަނޑުމެން މި ތިބީ މިނިވަން ކައުންސިލެއްގެ ގޮތުގައި، މިއަދު އަޅުގަނޑުމެންނާއެކު ފެރިދޫގެ 60 ބޭފުޅުން ގުޅިވަޑައިގެންނެވި. އެ ފޯމުތައް ވާނީ ޗެއާޕާސަން އަށް އަރުވާފައި،" ޝާހް ވިދާލުވި އެވެ.

އެއީ 24 ގަޑިއިރު ތެރޭގައި ކުރެވުނު މަސައްކަތުން ގެނައި 60 ފޯމު ކަމަށާއި ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ވަރަށް ގިނަ ރައްޔިތުން އެމްޑީޕީއަށް ގުޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 850 އެއްހާ މީހުން ދިރިއުޅޭ ފެރިދޫގައި މީގެ ކުރިން އޮތީ 100 ޕަސެންޓް މިނިވަން ކައުންސިލެެކެވެ.